ކޮވިޑްގެ ބިރާއެކު ވެސް ބާސެލޯނާގެ އިންތިހާބު މި މަހު ބާއްވަނީ

ބާސެލޯނާގެ ސްޓޭޑިއަމް، ކޭމްޕް ނޫ ---

ކޮވިޑް-19 ގެ ބިރުވެރިކަމާއެކު، ހުސްވެފައިވާ ބާސެލޯނާގެ ރައީސްގެ މަގާމު އިންތިހާބު ކުރުން ފަސްކުރުމަށް ވާހަކަތައް ދެކެވުނު ނަމަވެސް އެ އިންތިހާބު މި މަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ބާސެލޯނާ ނިސްބަތްވާ ސްޕެއިނުގެ ކެޓަލޯނިއާ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމާއެކު އިންތިހާބަށް ގޮތެއް ނިންމަން ކުލަބަށް ވަނީ އަންގައިފަ އެވެ. އަދި މި ދަނޑިވަޅުގައި އިންތިހާބު ބާއްވާ ނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތް ނަމަވެސް، އިންތިހާބު ފަސްކޮށްގެން ކުލަބަށް ލިބޭ ގެއްލުން މާބޮޑުވާނެކަމަށް ބަލައި މި މަހަށް ތާވަލުކޮށްފައި އޮތް އިންތިހާބު ފަސްކުރެވެން ނެތް ކަމަށް ބާސެލޯނާއިން ވަނީ ހާމަކޮށްފަ އެވެ.

މިހާރު އޮތްގޮތުން ބާސެލޯނާއަށް ދަތުރުކުރާ މީހުން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ވަނީ މިއަދުން ފެށިގެން އަމަލު ކުރަން އަންގައިފަ އެވެ. އެއާއެކު އިންތިހާބުގައި ވޯޓުލާން ސިޓީއިން ބޭރުގައި ތިބި ކުލަބުގެ ގިނަ މެމްބަރުންތަކަކަށް ނާދެވުމުގެ ބިރު އެބައޮތެވެ.

ބާސެލޯނާގެ ކުރީގެ ރައީސް ޖޯޑީ ކާޑޮނާއަކީ އިންތިހާބު ފަސްކުރުމަށް އެންމެ ބާރަށް އަޑުއުފުލަމުން އަންނަ ފަރާތެވެ. އޭނާ ބުނީ މި ދަނޑިވަޅުގައި އިންތިހާބު ބޭއްވުމަކީ ގައުމުގެ "ސިއްހީ މާހިރުންނާއި، އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެވޭ ބޭ އިހުތިރާމެއް ކަމަށާއި، އެއީ އިންތިހާބުގައި ބައިވެރިވާ މެމްބަރުންނަށް ވެސް ދެރައަށް ލިބިދާނެ ކަމެއް" ކަމަށް ކާރޑޮނާ ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ބާސެލޯނާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ މި މަހުގެ 24 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ ހޯދާފައިވާ ކަމަށާއި، ކުރިން ތާވަލު ކުރި ގޮތަށް އެ އިންތިހާބު އެދުވަހު ބާއްވާނެ ކަމަށެވެ.

އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާންކުރެއްވީ ޕެރޭ ރިއޭރާގެ އިތުރުން ވިކްޓަ ފޮންޓް، ޓޯނީ ފްރެއިޒާ، އަގަސްޓީ ބެނެޑީޓޯ، ޖޯޑީ ފާރޭ އަދި ލުއިސް ފެނާންޑޭޒް އެވެ. އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން މީޑިއާގައި ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް ޔޮއާން ލަޕޯޓާގެ އިތުރުން ޒަވީ ވިލަޔޮއާނާ އަދި އެމިލީ ރޫސާޑް އެވެ.

comment ކޮމެންޓް