ބިޔާދޫ ރިސޯޓުން 17 ކޭސް، ސަފާރީއަކުން 24 ކޭސް ފެނިއްޖެ

ބިޔާދޫ އައިލެންޑް ރިސޯޓު -

ބިޔާދޫ އައިލެންޑް ރިސޯޓު (ކ. ބިޔާދޫ) އިން ކޮވިޑް19 އަށް ޕޮޒިޓިވް 17 މީހަކު ފެނިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެ ރިސޯޓުން އެންމެ ފުރަތަމަ ކޭސް އެއް ފެނުނީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ.

އެންމެ ފުރަތަމަ ޕޮޒިޓިވްވީ ބަލީގެ އަލާމާތް ހުރި އެ ރިސޯޓުގެ ސްޓާފެކެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ މާލެ އައިސް ޑޮކްޓަރަށް ދައްކައި ސާމްޕަލް ނެގުމުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ކޭސްއާ ގުޅިގެން 33 އެކްޓިވް ސާވައިލެންސް ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރެއިން 15 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަދި މިއަދު އިތުރު 71 ސާމްޕަލް ވަނީ ނަގައިފަ އެވެ. އެ ރިސޯޓުން ދެން ޕޮޒިޓިވްވީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ހުރި ބިދޭސީ ސްޓާފެކެވެ.

އެ ރިސޯޓުގެ އިތުރުން އެމްޕެރާ އެކްސްޕްލޯރާ ކިޔާ ސަފާރީ އަކުން 24 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނީ ދެ ކްރޫ މެމްބަރުން ފިޔަވައި ހުސް ފަތުރުވެރިންނެވެ.

comment ކޮމެންޓް