ޗިކުންގުންޔާއިން ރައްކާތެރިވާނީ ކިހިނެއް؟

އީޑީސް މަދިރި: ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެއް --

މި ދުވަސްވަރު ކުރަމުންދާ ވިއްސާރައާއެކު މަދިރި އާލާވުން ވެސް އިތުރުވެ، މަދިރިން ޖެހޭ ބަލިތައް އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސިއްހީ އިދާރާތަކުން ވަނީ ކަންބޮޑުވުންފާޅުކޮށް، ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ނިމިދިޔަ މަހު މާލެ ސަރަހައްދުން އެކަނި ސަތޭކައެއްހާ މީހުންނަށް ޖިކުންގުންޔާ ޖެހިގެން ފަރުވާ ހޯދައިފައިވެއެވެ.

ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސުމާއި ބައެއް ފަހަރު ހުޅުދުޅަވުމާއި އެކަމުގެ އުނދަގޫތައް ދިގު މުއްދަތަކަށް ދެމިގެންދެއެވެ.

ޗިކުންގުންޔާއިން ރައްކާތެރިވުމަށް:

1. މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން

  • ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފުތާއަކު އެއް ފަހަރު ސާފުކުރުން އަދި ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުން/ ބަންދުކުރުން
  • އާންމު ތަންތަނާއި މަގުމަތީ އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ (ހުސްފުޅި އާއި ދަޅު، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ) ތަކެތި ފެންހަރުނުލާނޭހެން ބަންޑުން ޖެހުން/ މަތި އެޅުން
  • މަދިރި ފަނި ނައްތާލުމަށް ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުންކުރުން
  • ދައުރު ނުވާ ގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސްލުން

މަދިރި ނައްތާލުމަށް ރެޑް ކްރެސެންޓްއިން ކުރިއަށްގެންދިޔަ ހަރަކާތެއް: މަދިރިން ފެތުރޭ ޗިކުންގުންޔާ ޖެހުމުން ހުޅުހުޅުގައި ރިއްސާ -- ފޮޓޯ/ ރެޑް ކްރެސެންޓް

މައިގަނޑު ގޮތެއްގައި ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި އީޑީސް މަދިރި ބިސް އަޅައި އާލާވާކަމެވެ. އީޑީސް މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް، އެ ތަކެތީގައި މަދިރި ބިސް ހަރުލާފައި ހުރެއެވެ. އަދި ހަލާކުނުވެ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ހުރެއެވެ. އެހެންވެ، އެފަދަ ތަކެތި ރަނގަޅަށް ސާފު ކުރުމަކީ ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭ ކަމެކެވެ.

2. މަދިރި ހެފުމުން ރައްކާތެރިވުން

  • މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން
  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
  • ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން
  • މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން

ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަ ވަނީ ހެނދުނާއި ހަވީރެވެ. އީޑީސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައި ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ހުރިހާ ވަގުތެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމެވެ.

ޗިކުންގުންޔާގެ އަލާމާތްތައް މަދިރި ހަފާތާ ތިން ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގައި ފެންނަން ފަށައެވެ.

އެ ބަލި ޖެހިއްޖެ ނަމަ އަރާމުކޮށް، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކޮށް، ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ސިއްހީ ބޭފުޅުން އިރުޝާދުދެއްވައެވެ.

އެޗްޕީއޭއިން އެދެނީ، ސިއްހީ ޚިދުމަތްތެރިއެއްގެ އިރުޝާދުގެ ދަށުން ނޫނީ އެއްވެސް ބޭހެއް ބޭނުންނުކުރުމަށެވެ. އަދި ހަތް ދުވަހަށް ވުރެ އިތުރަށް ހުން ހުންނަ ނަމަ ނުވަތަ ހުޅު ދުޅަވެ ރިއްސާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

މަދިރީގެ ޒަރިއްޔާއިން ޑެންގީ ފަދަ ބަލިތައް ވެސް ފެތުރޭތީ، ވިއްސާރަ ދުވަސްތަކުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެއެވެ.

comment ކޮމެންޓް