އިދިކޮޅު އިހްތިޖާޖުން ފަސް މީހަކު ހައްޔަރުކޮށްފި

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ވަގުތު ކްރިމިނަލް ކޯޓު ކައިރީ ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ

ކްރިމިނަލް ކޯޓު ކުރިމަތީގައި އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖުން ބަޔަކު ހައްޔަރުކޮށްފި އެވެ.

އިދިކޮޅުން މިއަދު ކޯޓު ސަރަހައްދުގައި އިހުތިޖާޖުކޮށްފައި ވަނީ މިހާރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭޭގައި ހިމެނެނީ ތިން އަންހެނުންނާއި ދެ ފިރިހެނުން ކަމަށެވެ.

އެމީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ވަގުތު ކްރިމިނަލް ކޯޓު ކައިރީ ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ

އިދިކޮޅުން ބުނީ ކޯޓު ސަރަހައްދުގައި ކުރިއަށް ދިޔައީ ސުލްހަވެރި އިހްތިޖާޖެއް ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ދެ ކައުންސިލް މެމްބަރުން ވެސް ހިމެނެ އެވެ. ފާތިމަތު ފަޒްލާ އަދި ސުއޫދާ އަބްދުﷲ އެވެ.

މިއަދު ކުރިއަށް ދިޔައީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާގެ ޝަރީއަތެވެ.

comment ކޮމެންޓް