ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް އިންތިޒާމުތަކާ އެއްގޮތަށް ކުރިއަށްދާނެ: ޓްރަމްޕް

އެމެރިކާގައި ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް އިންތިޒާމުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖެނުއަރީ 7): އެމެރިކާގައި މި މަހުގެ 20ގައި ވެރިކަން ބަަދަލު ކުރުމުގެ މަސައްކަތް އިންތިޒާމުތަކާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އާއި ކަމަލާ ހެރިސްކަން އެގައުމުގެ ކޮންގްރެސްއިން އިއުލާން ކުރި ފަހުންނެވެ. ކޮންގްރެސްއިން އެފަދައިން އިއުލާން ކުރީ އެގައުމުގެ ސްޓޭޓުތަކުން ޓްރަމްޕާއި ބައިޑެންއަށް ދިން އިލެކްޓޯރަލް ވޯޓުތައް ގުނަމަށް ފަހު އެވެ.

އެގޮތުން ބައިޑެންއަށް 306 އިލެކްޓޯރަލް ވޯޓު ލިބުނު އިރު ޓްރަމްޕަށް ލިބުނީ 232 ވޯޓުކަން ކޮންގްރެސްއިން ވަނީ އިއުލާން ކޮށްފަ އެވެ.

ޓްރަމްޕްގެ ފަރާތުން އޭނާގެ ސޯޝަލް މީޑިއާ ޑިރެކްޓަރު ޑޭން ސްކަވީނޯ ޓުވީޓު ކުރެއްވި ބަޔާނެއްގައިވާ ގޮތުން އެ އިންތިހާބު ނަތީޖާ ޓްރަމްޕް ގަބޫލެއް ނުކުރައްވަ އެވެ. ނަމަވެސް ވެރިކަން ބަދަލު ކުރުމުގެ ކަންތައްތައް ގަވާއިދުން ކުރިއަށް ދާނެ އެވެ.

"އަޅުގަނޑު އިންތިހާބު ނަތީޖާ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން، ނަމަވެސް މިމަހުގެ 20ގައި ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް އިންތިޒާމުތަކާ އެއްގޮތަށް ކުރިއަށްދާނެ،" ޓްރަމްޕްގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ މިހާރު ނިމިގެން ދަނީ އެމެރިކާގެ ތާރީހުގައިވެސް އެންމެ ފާހަގަކޮށްލެވޭ "ފުރަތަމަ ދައުރު" ކަމަށާއި އެއީ އެމެރިކާ މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ކޮންގްރެސްއިން އިލެކްޓޯރަލް ވޯޓުތައް ގުނަމުން ދަނިކޮށް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ވަނީ ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުންތައް ހިންގާފަ އެވެ. އަދި އޭގެ ސަބަބުން ހައުސް އާއި ސެނެޓުގެ ބައްދަލުވުން މެދުކަނޑާލި ނަމަވެސް ފަހުން އެ ބައްދަލުވުން ކުރިއަށްގެންދިޔަ އެވެ.

އެ ހަމަނުޖެހުންތަކުގައި ބައެއް މީހުން ކޮންގްރެސްއަށް ވަނީ ހަތިޔާރު ހިފައިގެންނެވެ. އަދި ފުލުހުންނާ ކުރިމަތިލާ، ކޮންގްރެސްގެ ފަރުނީޗަރަށް ގެއްލުން ދީފައިވެ އެވެ.

އެ ހަމަނުޖެހުންތަކުގައި ހަތަރު މީހަކު މަރުވި އެވެ. އޭގެ ތެރެއިން އެކަކު މަރުވީ ފުލުހުން ބަޑި ޖެހުމުންނެވެ. އަދި ބާކީ ތިން މީހުން މަރުވީ "މެޑިކަލް އެމާޖެންސީ"ތަކެއް ދިމާވެގެން ކަމަށް ވޮޝިންޓަން ޑީސީގެ ފުލުހުން މައުލޫމާތު ދިނެވެ.

comment ކޮމެންޓް