ފްލައިން ސްކޫލުގެ ފުރައްސާރައިގެ މައްސަލަތަކެއް ފެންމަތިވެއްޖެ

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކުދިންނާމެދު ތަފާތުކުރުން ގެންގުޅެ ބައެއް ކުދިންނަށް ފުރައްސާރަ ކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އެ ސްކޫލްގެ މައްސަލަތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ އެ ސްކޫލާ ގުޅޭ މައްސަލަތައް ބަލަން ފެށުމުން، އިތުރު މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން ސްކޫލުގެ ބައެއް ބޭފުޅުން، އެތަނުގައި ކިޔަވާ ދަރިވަރުން ތަފާތުކުރުމާއި ކުދިންނަށް ފުރައްސާރަކުރުމުގެ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.

އަދި އެކަން ސަމާލުކަމަށް އައިސްފައި ވަނިކޮށް، ސިޓީއަކުން ވަރަށް ތަފްސީލުކޮށް މައްސަލައެއް މިނިސްޓަރަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އެ ސިޓީ ޖެންޑާ މިނިސްޓްރީއަށް ފޮނުވައި، މައްސަލަ ބަލައިދިނުމަށް އެދިފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު "ސަން" އަށް ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ ސިޓީ ލިބިފައިވާ ކަމަށާއި އަދި ސޯޝަލް ސާވިސަސް އިން އެ ކޭސް އަށް އެޓެންޑު ވަމުން އަންނަ ކަމަށެވެ.

އެ ސިޓީގެ ތަފްސީލެއް އެއްވެސް މިނިސްޓްރީއަކުން ހާމަނުކުރި ނަމަވެސް، "ސަން" އަށް އެނގިފައިވާ ގޮތުގައި، އެ ސްކޫލުގައި މަސައްކަތްކުރާ އިންސްޓްރަކްޓަރަކު އަންހެން ދަރިވަރަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

comment ކޮމެންޓް