އަސާންޖް އެމެރިކާއާ ހަވާލު ނުކުރެވޭނެ ކަމަށް އިނގިރޭސި ކޯޓަކުން ނިންމައިފި

އަސާންޖް އެމެރިކާއާ ހަވާލު ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ފަނޑިޔާރަކު ވަނީ ނިންމަވާފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (ޖެނުއަރީ 5): އިނގިރޭސިވިލާތުން ޖަލަށް ލާފައިވާ ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖް އެމެރިކާއާ ހަވާލު ނުކުރެވޭނެ ކަމަށް އިނގިރޭސި ފަނޑިޔާރަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

ސެންޓްރަލް ކްރިމިނަލް ކޯޓް އޮފް އިންގްލެންޑް އެންޑް ވޭލްސްގެ ޑިސްޓްރިކްޓް ފަނޑިޔާރު ވެނެސާ ބަރައިޓްސާ ވިދާޅުވި ގޮތުގައި އަސާންޖް އެމެރިކާއާ ހަވާލުކޮށްފި ނަމަ އޭނާ އެގައުމުގެ ޖަލެއްގައި އަމިއްލައަށް މަރުވުމުގެ ނުރައްކާ އެބައޮތެވެ.

"އޭނާއާ ބެހޭ މައުލޫމާތުން އެނގޭ ގޮތުގައި އޭނާއަކީ ޑިޕްރެސްވެ، ބައެއް ފަހަރު އެއްކޮށް އުއްމީދު ކަނޑާލާ މީހެއް. އަސާންޖްގެ ނަފްސާނީ ހާލަތު މިހާރު ހުރި ގޮތުން އޭނާ އެމެރިކާއާ ހަވާލު ކުރުން ވާނީ އަނިޔާވެރި އަމަލަކަށް ކަމަށް އަޅުގަނޑު ދެކެން،" ފަނޑިޔާރު ވިދާޅުވި އެވެ.

އެ ޝަރީއަތަށް ފަހު އަސާންޖް ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. އަދި އޭނާ ކަފާލާތުގެ ދަށުން ދޫކުރުމަށް އޭނާގެ ވަކީލުން ބުދަ ދުވަހު އެދިވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން އެމެރިކާއިން ފަނޑިޔާރު ބަރައިޓްސާގެ ނިންމެވުން އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އިނގިރޭސި ފަނޑިޔާރުގެ އެ ނިންމެވުމަށް މަރުހަބާ ކިޔާފަ އެވެ. ނަމަވެސް "އިނގިރޭސިވިލާތުން އެމެރިކާގެ އެދުމަށް، ސިޔާސީ ބޭނުމެއް އޮތް މަރުހަލާތަކެއްގައި ބައިވެރިވެ، ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ޝަރީއަތަށް ހާޒިރު ކުރި" ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު އިނގިރޭސިވިލާތުން އަސާންޖް ހައްޔަރު ކުރީ އޭނާ އިކެއުޑޯގެ އެމްބަސީގައި ހުއްޓަ އެވެ. އޭނާ 2012 ވަނަ އަހަރު އެ އެމްބަސީން ހިމާޔަތް ހޯދީ ސްވިޑެންގެ ދެ އަންހެނަކު އޭނާގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުގެ ޝަރީއަތަށް އޭނާ އެގައުމާ ހަވާލު ކުރަން ޕްރޮސެކިއުޓަރުން އެދުމުންނެވެ. އަދި އަސާންޖް ސުވިޑެންއާ ހަވާލު ކުރަން އޭރު އިނގިރޭސި ފަނޑިޔާރަކު ނިންމެވި ފަހުންނެވެ.

އޭގެ ފަހުން އަސާންޖް އިކުއެޑޯ އެމްބަސީން ހިމާޔަތް ހޯދީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނިކޮށް، ކަފާލާތުގެ ޝަރުތުތަކާ ހިލާފުވުމަށް ފަހުގަ އެވެ. އަދި އޭނާ ހައްޔަރު ކުރަން އިނގިރޭސި ފުލުހުންނަށް ފުރުސަތު ލިބުނީ އިކުއެޑޯއިން އޭނާއަށް ދީފައިވާ ހިމާޔަތް އުވާލުމުންނެވެ.

އެއަށް ފަހު އިނގިރޭސިވިލާތުން މިދިޔަ މެއި މަހު އަސާންޖް 50 ހަފްތާއަށް ޖަލަށްލީ ކަފާލާތުގެ ޝަރުތުތަކާ ހިލާފުވެފައި ވާތީ އެވެ.

އެމެރިކާއިން މިހާތަނަށް އަސާންޖްއާ ދެކޮޅަށް 18 ދައުވާއެއް ކޮށްފައިވާ އިރު އެ ދައުވާތައް ގުޅިފައި ވަނީ 2010 ވަނަ އަހަރު ވިކިލީކްސްއިން އާއްމު ކުރި ސިއްރު ލިޔެކިޔުންތަކާ އެވެ. އެ ލިޔެކިޔުންތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ހަނގުރާމަ އާއި އިރާގު ހަނގުރާމައާ ބެހޭ ރިޕޯޓުތަކާއި ގުއަންޓަނާމޯ ބޭގައި ހައްޔަރުކޮށްފައިވާ މީހުންގެ އެސެސްމެންޓުތަކެއް ހިމެނެ އެވެ. އަދި އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކަކުން އެގައުމަށް ފޮނުވާފައިވާ ސިއްރު މެސެޖުތަކެއްވެސް ހިމެނެ އެވެ.

އޭގެ ސަބަބުން އެމެރިކާއިން ވަނީ އަސާންޖް އެގައުމުގެ އަސްކަރީ ޑޭޓާބޭސްތައް ހެކް ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ލީކުކޮށްލި މައުލޫމާތު ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވި ކަމަށް ބުނެފަ އެވެ.

ނަމަވެސް އަސާންޖްގެ ވަކީލުން ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެކެވެ. އަދި ވިކިލީކްސްއިން ހާމަ ކުރީ މައުލޫމާތުން އެމެރިކާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގާ، އިންސާނީ ހައްގުތަކަށް އަރައިގަތް ކަމުގެ ހެކި ފެނެ އެވެ.

comment ކޮމެންޓް