ފަހަތުން އަރައި ދަ ގްރާންޑޭއިން ވަރުގަދަ މާޒިޔާ ހިފަހައްޓައިފި

މާޒިޔާ އާއި ދަ ގްރާންޑޭ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ދެ ގޯލު ޖަހައި ދަ ގްރާންޑޭއިން ވަރުގަދަ މާޒިޔާއާ އެއްވަރުކޮށްފި އެވެ.

ވާދަވެރި ކުޅުމެއް ފެނުނު ލީގުގެ ހަތަރުވަނަ މެޗު ވީކުގެ ދެވަނަ މެޗުން ދަ ގްރާންޑޭ ޕޮއިންޓެއް ހޯދީ 2-2 އިން މާޒިޔާއާ އެއްވަރުކޮށްގެންނެވެ. މި ނަތީޖާއާ އެކު ދަ ގްރާންޑޭ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިންވަނައަށް ޖެހިލި އިރު، މާޒިޔާ އެއްވަނައިގައި ވަގުތީ ގޮތުން އެއް ޕޮއިންޓްގެ ލީޑެއް ވަނީ ނަގައިފަ އެވެ. އެކަމަކު މިއަދު އީގަލްސް އަތުން ވެލެންސިއާ މޮޅުވެއްޖެ ނަމަ އެ ޓީމު އެއްވަނައަށް ޖެހިލާނެ އެވެ.

ލީގުގައި ފުރަތަމަ ތިން މެޗަށް ފަހު މާޒިޔާގެ ކޯޗުކަމުން މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދިނުމުން އެޓީމަށް މިރޭ އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. ސުޒެއިރުގެ އިރުޝާދުގެ ދަށުން މާޒިޔާ މިރޭ ކުޅުނު ނަމަވެސް މިއަދުގެ ވަގުތެއްގައި އެޓީމަށް ވަނީ ބިދޭސީ ކޯޗެއް ހަމަޖައްސައިފަ އެވެ. ސީޒަނުގެ ބާކީ ބައިގައި މާޒިޔާ އަށް އިރުޝާދުދޭން އެޓީމާ ހަވާލުވީ ސާބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ރިސްޓޯ ވިޑަކޮވިޗް އެވެ.

މާޒިޔާއިން ރޭގެ މެޗުގައި ޖެހި ދެ ގޯލަކީ ވެސް ފުރަތަމަ ހާފުގައި އެ ޓީމުން ޖެހި ދެ ގޯލެވެ. އެގޮތުން މެޗުގެ 13 ވަނަ މިނަޓުގައި މުޖުތާޒް މުހައްމަދު (މުޖޭ) އަރިމަތިން ނެގި ހުރަސް ދަ ގްރާންޑޭ ޑިފެންޑަރުން ސަލާމަތްކުރި ނަަމަވެސް އޭރިއާ ބޭރުން އެ ބޯޅަ ހޯދައި ތިރިތިރިން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލީ މޫސާ ޔާމީން (ޔާމްބެ) އެވެ.

އެއަށްފަހު ފުރަތަމަ ހާފުގެ ފަހުކޮޅު އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ސްޓެވާޓް އެވެ. މިއީ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ދަ ގްރާންޑޭގެ އަހުމަދު ސިޒާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދަ ގްރާންޑޭއިން ރޭގެ މެޗު ފެށުމުގެ ކުރިން އެ ޓީމަށް ގެނައި އެންމެ ބޮޑު ބަދަލަކީ މިދިޔަ ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިދިން އަހުމަދު އަޔާޒް (އަޔާ) ޓީމުގައި ހިމެނުމެވެ. ލީގުގައި ފުރަތަމަ ފަހަރަށް އޭނާ ކުޅުނު މެޗުގައި ރޭ ވެސް މޮޅު ކުޅުމެއް ދެއްކި އިރު ދަ ގްރާންޑޭގެ ފުރަތަމަ ގޯލު އޭނާ ޖެހީ މާޒިޔާގެ ފަސްވަރަކަށް ކުޅުންތެރިން ކައިރީ ޗަރުކޭސް ދައްކާލުމަށްފަހު އެވެ.

ދަ ގުރާންޑޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ތން މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގަ އެވެ. މާޒިޔާގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލަށް އަމާޒުކޮށް ފޮނުވާލުމުގެ ބަދަލުގައި ޔަސްފާދު ހަބީބްމު (މުލަކޭ) ޕާސް ކޮށްލީ އޭރިއާގެ ބޭރުގައި ހުރި އުޒްބެކިސްތާންގެ ފޯވަޑް އަބްދުރަސަލް ކޮމިލޯވް އެވެ. އެއް ފަހަރުން ގޯލަށް ފޮނުވާލި ކޮމިލޯވް ޖެހި ހިތްގައިމު ގޯލާ އެކު އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

comment ކޮމެންޓް