އިންކަމް ސަޕޯޓް މުވައްޒަފުންނަށް މުސާރަ ދޭންތަ؟!

އެއާޕޯޓުގައި ހުންނަ ރިސޯޓް ޑެސްކްތަކެއް -- ސަން ފޮޓޯ/ އިފާޒު

ކޮވިޑާ އެކު ޓޫރިޒަމް ހުއްޓި ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކުން އެތައް ވަޒީފާއެއް ގެއްލުނެވެ. ނޫނީ އާމްދަނީއެއް ނުލިބޭތީ މުވައްޒަފުން ނޯޕޭގެ ޗުއްޓީއަކަށް ފޮނުވަން ޖެހުނެވެ. މި ހާލުގައި ގިނަ މުވައްޒަފުންނަށް މުޅި އަހަރު އާމްދަނީއަކަށްވީ ސަރުކާރުން ކޮންމެ މަހަކު ދޭ އިންކަމް ސަޕޯޓް އެލަވަންސްގެ 5،000 ރުފިޔާ އެވެ. އެހެން ނަމަވެސް، ޗުއްޓީ ސީޒަނާ އެކު ރިސޯޓްތައް ފުރި ޓޫރިޒަމް ކުންފުނިތަކުގެ އާމްދަނީ ވެސް ތިޔާގިވާން ފަށައިފި އެވެ.

އެކަމަކު، ބަދަލެއް ނާންނަނީ ބައެއް ރިސޯޓް މުވައްޒަފުންގެ މުސާރައަށެވެ. ކުޑަކުރި މުސާރައަށް އެންމެ ތަންކޮޅެއް ވެސް އިއާދަ ނުވާ މުވައްޒަފުން އެބަ ތިއްބެވެ. "ސަން"އާ ވާހަކަ ދެއްކި ޓޫރިޒަމް ދާއިރާގެ މަސައްކަތު މީހަކު ބުނި ގޮތުގައި އޭނާ އަދިވެސް ބަރޯސާވާން ޖެހިފައި އޮތީ އިންކަމް ސަޕޯޓަށެވެ. ރިސޯޓެއްގެ ސްޕަވައިޒާ ލެވަލްގެ ވަޒީފާއެއްގައި ހުރި މީހަކު ބުނި ގޮތުގައި ރިސޯޓު ވަޒީފާއަށް އަނބުރާ އަންނަން އޭނާއަށް ހުށަހެޅީ 2،000 ރުފިޔާގެ މުސާރައަކަށެވެ. ދެން އެދުނީ އިންކަމް ސަޕޯޓަށް ބަރޯސާވާށެވެ. މިހެން ކަންކުރާ ނަމަ، އިންކަމް ސަޕޯޓަކީ ޓޫރިޒަމް ވިޔަފާރިތަކުގެ މުވައްޒަފުންނަށް މުސާރަ ދޭ މާލީ އިނާޔަތަކަށް ވަނީ ހެއްޔެވެ؟

އިންކަމް ސަޕޯޓުގެ ތެރެއިން ސަރުކާރުން ދެނީ ވަޒީފާ ގެއްލުނު މީހުންނަށް 5،000 ރުފިޔާ އެވެ. އަދި 5،000 ރުފިޔާ އަށް ވުރެ ކުޑަ އާމްދަނީ އެއް ލިބޭނެ މީހުންނަށް، 5،000 ރުފިޔާ ހަމަވާ ވަރުގެ އަދަދެކެވެ.

ފުރަތަމަ ބުރުގައި ޖޫން މަހާ ހަމައަށް އެލަވެންސް ދިނެވެ. މެއި މަސް ނިމުނުއިރު، ކޮވިޑުގެ ބަލިމަޑުކަމުގެ އަސަރު، އަދި އޭގެ ސަބަބުން ލިބެމުންދާ އިގްތިސާދީ ގެއްލުމުން އަރައިގަނެވޭނެ ކޮޅުމަތި ފެންނަން ނެތުމުން އިންކަމް ސަޕޯޓު އެލަވެންސްގެ ޑިސެމްބަރު މަހުގެ ފަހުން ވެސް ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދޭން ނިންމި އެވެ.

ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ކޮވިޑް ތެރޭގައި ދޭން ފެށި 1،000 ރުފިޔާ ގެ "އެލަވެންސް" އެއް ކޮވިޑު ތެރޭ ދިން އިރު އެ އެލަވެންސްގެ އިތުރަށް އަދި މިހާތަނަށް މުސާރަ ދޭން ނުފަށާ ރިސޯޓުތައް އެބަހުއްޓެވެ. ދެން ޖެހެނީ އިންކަމް ސަޕޯޓަށް ބަރޯސާވާށެވެ.

އެކަމާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން އިކޮނޮމިކް މިނިސްޓްރީގެ ކޮންސަލްޓަންޓް އެންޑް ޕްރޮޖެކްޓް ޑިރެކްޓަރު އޮފް އިންކަމް ސަޕޯޓް ޝުހާދު އިބްރާހިމް ވިދާޅުވީ ޖުލައި 15 ގައި ބޯޑަރު ހުޅުވި ނަމަވެސް ޓޫރިޒަމް ކުރިއަރައި ރިސޯޓުތަކަށް ފައިދާ ލިބި މުވައްޒަފުންގެ މުސާރަ އިއާދަ ކުރުމަށް އަދި ދަތިވާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

މުވައްޒަފުންނަށް ކުރިމަތިވި މާލީ ދައްޗާއެކު ދޭން ފެށި އިންކަމް ސަޕޯޓަކީ ވަޒީފާ ދޭ ފަރާތުން، މުވައްޒަފުންނަށް ކުޑަ މުސާރައެއް ދޭން އޮތް އިންސެންޓިވް އެއް ނޫންކަން ފާހަގަ ކުރައްވާ ޝުހާދު ވިދާޅުވީ ޓޫރިޒަމް ސެކްޓާ އަދި މުޅިން ރިކަވާ ނުވާތީ، އެ އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައޒަފުންގެ މުސާރަތައް އިއާދަ ނުވާ ކަމަށެވެ.

ނަމަވެސް މިދިޔަ ދެ މަސްތެރޭ ބައެއް މަތީ ފަންތީގެ މުވައްޒަފުންގެ މުސާރަތައް އިއާދަވެ، އެ ފަރާތްތަކުން އިންކަމް ސަޕޯޓް އެލަވެންސް އަށް އެދި ހުށަހެޅުނު އެޕްލިކޭޝަންތައް ވިތްޑްރޯ ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ބައެއް ރިސޯޓުތަކަށް ހުޅުވާލިތަނާ ގިނަ ޓޫރިސްޓުން އައިސް، ދެވަނަ ބުރުގެ ބައެއް މަސްމަހަށް އެލިޖިބަލް ނުވާ މުވައްޒަފުންވެސް އެބަތިބި. ޓޫރިޒަމަށް އަންނަ ކުރިއެރުމާއެކު ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ޓްރެންޑަށް އަންނަ ބަދަލު ފެންނާނެ ޖެނުއަރީ މަހު،" އޭނާ ވިދާޅުވި އެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ތިންވަނަ ބުރެއް ތައާރަފުކޮށް އޮކްޓޯބަރުން ޑިސެމްބަރަށް އާމްދަނީ އަށް އަސަރުކުރި މީހުންނަށް އެލަވެންސް ދޭން ނިންމާފައިވާއިރު މިއަދަކީ އޮކްޓޯބަރު އަދި ނޮވެމްބަރުގެ އެލަވެންސް އަށް އެދެވޭނެ ފަހު ދުވަހެވެ. ޑިސެމްބަރުގެ އެލަވެންސް އަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އެއްގައި ހުޅުވާލާނެ އެވެ.

މި ދެ މަހުގެ އެލަވެންސް އަށް އެދުނީ ކިހާ އަދަދެއްގެ މީހުންނެއްތޯ ސާފުވުމުން ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އާމްދަނީ އަށް މިދިޔަ ދެމަސްތެރޭ ކުރި އެދެވޭ އަސަރު ފެންނާނެ ކަމަށް ޖޮބްސެންޓަރުން ބުންޏެވެ.

އިގްތިސާދަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އަލުން ވަޒީފާ ނުލިބުމާއި އާ ވަޒީފާތައް އުފެދިފައި ނެތުމަކީ، މި ހާލަތުގައި ސަރުކާރުން ދޭ އެލަވެންސަށް އެތައް ހާސް ބަޔަކު ބަރޯސާވާން ޖެހިފައިވާ ސަބަބެވެ. އިގްތިސާދަށް ދިރުން ލިބި ހިނގައިގަންނާނީ ޓޫރިޒަމް ސިނާއަތް ހަމައަކަށް އެޅި އާމްދަނީ އިތުުރުވާން ފެށުމުންނެވެ.

އެކަމަކު ޓޫރިޒަމްގެ ވިޔަފާރިތަކުގެ އާމްދަނީ އިތުރުވާ ވަރަކަށް މުވައްޒަފުންނަށް ދޭ އެއްޗެއް ވެސް ރަނގަޅުވާން ޖެހެ އެވެ. ސަރުކާރުން ދޭ އިންކަމް ސަޕޯޓަކީ މުވައްޒަފުން ލައްވާ މަސައްކަތް ކުރުވައި ވިޔަފާރީގެ އާމްދަނީ ހޯދުމަށް ފަހު މުސާރަ ދޭން ބޭނުން ކުރާ ވަސީލަތަކަށް ވެގެން ނުވާނެ އެވެ.

comment ކޮމެންޓް