ރާއްޖެ ޓީވީ ޖޫރިމަނާ ކުރި ދެ މިލިއަން ރުފިޔާ ކުޑަކުދިންގެ ހިޔާއަށް

މިިދިޔަ ސަރުކާރުގައި ރާއްޖެ ޓީވީ ޖޫރިމަނާކުރި ދެ މިލިއަން ރުފިޔާ ކުޑަކުދިންގެ ހިޔާއަށް ދިނުމަށް އެ ޓީވީގެ މެނޭޖްމަންޓުން ނިންމައިފި އެވެ.

ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި މައްސަލަ ރިވިއުކުރުމަށްފަހު، ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމާފައިވަނީ އެ ނިންމުމަކީ ބޭ އިންސާފުން ނިންމި ނިންމުމެއްގެ ގޮތުގައެވެ.

ރާއްޖެ ޓީވީގެ ކޯ-ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމީލް (ސައްލެ) މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ކޮމިޝަނުން މައްސަލަ އެގޮތަށް ނިންމި ނަމަވެސް، ޖޫރިމަނާ ކުރި ދެ މިލިއަން ރުފިޔާ އެ ޓީވީން ބޭނުން ނުކުރާނެ ކަމަށެވެ.

"މި ދޭނީ އެހީ ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް. ރާއްޖެ ޓީވީއަށް މުހިންމީ އިންސާފު، އެކަންވެއްޖެ،" ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު، ސައްލެ ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ރާއްޖެ ޓީވީގެ އިސްބޭފުޅުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އިތުރު ތަފްސީލެއް ނުލިބެއެވެ.

މިދިޔަ ސަރުކާރުގައި އޭރު އޮތް ބްރޯޑްކޮމްއިން އެ ސަރުކާރާ ދެކޮޅަށް ހަބަރުފަތުރާ މީޑިއާތަކުގެ މައްސަލަތައް ބަލައި، ބޮޑެތި އަދަދުން ޖޫރިމަނާ ކުރިއެވެ. އެ ޖޫރިމަނާ ފައިސާތައް ދެއްކުމަށް އޭރު އެ މީޑިއާތަކުން ފަންޑުފޮށިތައްވެސް ހުޅުވި އެވެ.

comment ކޮމެންޓް