އަހަރުގެ ފުރަތަމަ ދުވަހު ހަވީރު މާލެ، ވިލިމާލޭގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި

އޮގަސްޓު 23، 2020: މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރުން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

އާ އަހަރު ފެށުމާ ދިމާކޮށް ޖެނުއަރީ އެއްވަނަ ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް މާލެ އާއި ވިލިމާލޭގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރު ފަތުރު ކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހުނު އަހަރެއް ކަމަށެވެ.

އަދި މި ބަލިމަޑުކަމުގެ ސަބަބުން މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވޭ ކަމަށާއި މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާތީ، މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖެއްސުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކެއް ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން 8:00 މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެ ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 8:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލާންސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތާއި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

އަދި އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރު ފަތުރުގެ ގާނޫނު ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ބުންޏެވެ.

ވެހިކަލްތަކުން ފުރިފައިވާ މާލެ ސަރަހައްދުގައި މީގެ ކުރިންވެސް އީދު ފަދަ މުނާސަބަތުތަކާ ގުޅިގެން ފައިމަގުގައި ހިނގާފައި އުޅޭ ވަގުތުގެ ގޮތުގައި ދުވަހުން ބައެއް ކަނޑައަޅައެވެ.

comment ކޮމެންޓް