މި އަހަރުގެ ނިޔަލަށް ލިބިފައިވާ ހިދުމަތްތައް ރެކޯޑުކުރަން އެދެފި

ފިނޭންސް މިނިސްޓަރު އަމީރު ---

މި އަހަރުގެ ނިޔަލަށް ލިބިފައިވާ މުދަލާއި ހިދުމަތްތައް ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރެކޯޑުކޮށް ގުޑް ރިސިޓް މި މަހުގެ ނިޔަލަށް ޕޯސްޓު ކުރުމަށް ފިނޭންސް މިނިސްޓްރީ އިން އެދެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ އާންމު ކުރެއްވި މާލިއްޔަތާ ބެހޭ ސާކިޔުލާއެއްގައި ބުނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާގޮތުން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއްގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށް މާލީ އަހަރުގެ ރިޕޯޓް ދައުލަތުގެ ކޮންމެ އޮފީހަކުން ތައްޔާރުކުރަން ޖެހޭ ކަމަށެވެ.

އަދި އެ ގާނޫނުގެ ދަށުން ކޮންމެ މާލީ އަހަރެއްނިމޭތާ ތިން މަސް ތެރޭގައި، ދައުލަތުގެ އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ކަނޑައަޅާ ގޮތުގެމަތިން، އެ އަހަރެއްގެ ނިޔަލަށް ދައުލަތުގެ މާލީ އަހަރުގެ ރިޕޯޓް ފައިނޭންޝަލް ކޮންޓްރޯލާ ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންޖެހޭ ކަމަށެވެ.

މާލީ ހިސާބުތައް ތައްޔާރުކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ދައުލަތުގެ ހުރިހާ އޮފީސްތަކުން ފުރިހަމަކުރުމަށް އެ ސާކިޔުލާގައި ވަނީ އެދިފަ އެވެ. އެގޮތުން މާލީ އަހަރުގެ ހިސާބު ނިންމުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށް، ދައުލަތުގެ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތުތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ
މަސްއޫލު އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިން ފައިނޭންޝަލް ކޮންޓްރޯލާ އަށް ހުށަހެޅުމަށް އެ ސާކިޔުލާގައި އެދިފައި ވެއެވެ.

ފިނޭންސް ގެ ސާކިޔުލާގައި ބުނީ 2020 ވަނަ އަހަރު ޕަބްލިކް އެކައުންޓިން ސިސްޓަމް މެދުވެރިކޮށް ހަދާފައިވާ ޕާޗޭސް އޯޑަރުތަކަށް 31 ޑިސެންބަރުގެ ނިޔަލަށް މުދާ ނުވަތަ ހިދުމަތް ލިބިފައިނުވާނަމަ ސިސްޓަމުން ހަދާފައިވާ ޕާޗޭޒް އޯޑަރު 2021 ވަނަ އަހަރުގެ ބަޖެޓަށް ކެރީ ފޯވާޑް ކުރެވޭނެ ކަމަށެވެ.

އެހެންކަމުން، 31 ޑިސެންބަރު 2020 ގެ ނިޔަލަށް ލިބިފައިވާ މުދަލާއި ހިދުމަތްތައް ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރެކޯޑްކޮށް "ގުޑް ރިސީޓް" 31 ޑިސެންބަރު ގެ ނިޔަލަށް ޕޯސްޓް ކުރުމަށް އެ ސާކިޔުލާގައި ވަނީ އެދިފަ އެވެ.

comment ކޮމެންޓް