ހަތަރު މެޗަށްފަހު މާޒިޔާގެ ކޯޗުކަމުން ނިޒާމްބެ އިސްތިއުފާ ދީފި

ނިޒާމްބެއަށް މާޒިޔާގެ ކޯޗުކަން ރަސްމީކޮށް ހަވާލު ކުރުމަށް މިއަދު ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ//މާޒިޔާ

ޗެރިޓީ ޝީލްޑް މެޗާއި، ލީގުގައި ކުޅުނު ތިން މެޗަށްފަހު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ކޯޗުކަމުން މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދީފި އެވެ.

ވޭތުވެ ދިޔަ ސީޒަނުގައި މާޒިޔާއަށް އިރުޝާދު ދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު، މާޒިޔާގެ ކޯޗުކަމާ ނިޒާމްބެ ހަވާލުވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އޭރު މެދުކަނޑާލާފައި އޮތް އޭއެފްސީ މުބާރާތަށް ޓީމު ޕްރެކްޓިސް ކުރުމަށް ނިޒާމްބެ އެ ޓީމާ ހަވާލުވި ނަމަވެސް ފަހުން އެ މުބާރާތް ކެންސަލް ކުރުމާ ގުޅިގެން ނިޒާމްބެ މިހާތަނަށް ފަސް މަސްތެރޭ އެ ޓީމަށް ކޯޗުކަން ކޮށްދީފައިވަނީ އެންމެ ހަތަރު މެޗުގަ އެވެ.

ނިޒާމްބެ ގެ ފުރަތަމަ މެޗުގައި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ބަލިވި އިރު، ލީގުގައި މިހާތަަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މާޒިޔާ ވަނީ މޮޅުވެފަ އެވެ. އަދި ރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން ވަނީ އެއްވަރުވެފަ އެވެ.

ނިޒާމްބެ މިއަރު އިރުއޮއްކަށް ހާއިރު ބުނީ، ރޭގެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ދަށް ކުޅުމާ އެކު މާޒިޔާގެ ކޯޗުކަމުން އިސްތިއުފާދޭން ނިންމި ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި ނަގާނެ ބޮޑު ނިންމުމެއް ކަމަށާއި، ވޭތުވެ ދިޔަ ދުވަސްތަކުގައި ޓީމުގެ މެނޭޖްމެންޓާއި، ކުޅުންތެރިން އޭނާއަށް ދިން އެއްބާރުމުލަށް ޝުކުރު އަދާ ކުރާ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

ނިޒާމްބެގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބޮޑު މަސައްކަތުގައި، 2006 ގައި ވިލިނގިލީ ވިޔަންސާ އެކު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނީ މުޅިން އާ ކުޅުންތެރިން ގޮވައިގެންނެވެ. ހަގީގަތުގައި އެ ޓީމަކީ ދެ ވަނަ ޑިވިޝަނުން އައިސް ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުން މިހާރު އާއްމުވެފައިވާ ވުމުގެ ވެސް ފެށުމެވެ. އޭގެ ފަހުން ލ. ކަޅައިދޫ ޓީމު ވެސް ފުރަތަމަ ޑިވިޝަނަށް ގެނެސް ކުޅުވި އެވެ. މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީސީ އަކީ ވެސް، ނިޒާމްބެ ދެ ވަނަ ޑިވިޝަނުން ފެށިގެން ކުރިއަރުވަމުން ފުރަތަމަ ޑިވިޝަނަށް ގެނައި ޓީމެކެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދަައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ 2018 ވަނަ އަހަރުގެ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އެއަށްފަހު ނިޒާމްބެ 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތުގަ އެވެ.

ޒުވާން ގައުމީ ޓީމު ދޫކޮށް ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމާ ނިޒާމްބެ ވަނީ އެއަށްފަހު ހަވާލުވެފަ އެވެ. ނިޒާމްބެ އަކީ ސަރަހައްދުގެ ވަރުގަދަ ލީގެއްގައި ކޯޗުކޮށްދިން ފުރަތަމަ ބިދޭސީ ކޯޗަށެވެ. ސައިފްއާ އެކު ނިޒާމްބެ ނުކުތީ އެންމެ މުބާރާތަކަށެވެ. ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ސައިފް ކެޓުމާ އެކު މެނޭޖްމަންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ނިންމީ ކޮންޓްރެކްޓް އުވާލާށެވެ.

ސައިފްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު ނިޒާމްބެ ވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ވަނީ ފުޓުބޯޅައިގެ ކޯޗުކަމުން ބްރޭކެއް ނަގައިފަ އެވެ. މާޒިޔާގެ ކޯޗުކަމާއި ނިޒާމްބެ މިއަދު ހަވާލުވި އިރު، އޭނާއަށް އޮތް ފުރަތަމަ އިމްތިހާނަކީ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ މެޗުތަކެވެ. އެ މުބާރާތުގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި ދެން އޮތީ ނިޒާމްބެ ކުރީގެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

comment ކޮމެންޓް