އިނގިރޭސިވިލާތާއި އީޔޫއަށް ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އީޔޫއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ޓުވިޓާ

ލަންޑަން (ޑިސެމްބަރު 25): އިނގިރޭސިލާތް، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމުން އެ ދެ ފަރާތުން ވިޔަފާރި ކުރާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ގެންދާތާ އެތައް މަހެއް ފަހުން އެކަމާ ބެހޭ އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތާއި އީޔޫއިން ވިޔަފާރީގެ އެއްބަސްވުމެއް ހަދާފައިވާކަން ބޮޑުވަޒީރު ޖޯންސަން އިއުލާން ކުރެއްވީ އެގައުމު އީޔޫއިން ވަކިވާ އިންތިގާލީ މުއްދަތު ނިމެން ހަފްތާއަކަށް ވެފައި ވަނިކޮށެވެ.

ޖޯންސަން ވިދާޅުވި ގޮތުގައި އެ އެއްބަސްވުމަކީ މުޅި ޔޫރަޕަށްވެސް ރަނގަޅު އެއްބަސްވުމެކެވެ. އަދި މީގެ ކުރިން ބައެއް ފަހަރު އުނދަގޫ ގުޅުމެއް އޮތް އީޔޫއާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ސަބަބުން އާ ހަމަޖެހުމެއް ލިބިގެންދާނެ އެވެ.

އިނގިރޭސި ޓީވީތައް މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ޖޯންސަން ވަނީ 893 ބިލިއަން ޑޮލަރުގެ އަގު ހުރި އެ އެއްބަސްވުމަކީ މިހާތަނަށް ހެދި އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުމުގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ކުރި ކެމްޕޭނުންވީ ވައުދުތައް މިހާރު ހަގީގަތަކަށްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ވަނީ އަޅުގަނޑުމެންގެ މުސްތަގުބަލާއި ގާނޫނުތަކުގެ ކޮންޓްރޯލް އަނބުރާ ހޯދާފަ... ޖެނުއަރީ އެކަކުން ފެށިގެން އަޅުގަނޑުމެން ކަސްޓަމްސް ޔޫނިއަންއާއި ސިންގަލް މާކެޓުން ބޭރު ވާނެ؛ އިނގިރޭސި ގާނޫނުތައް ހަދާނީ ހަމައެކަނި އިނގިރޭސި ޕާލިމެންޓުން، އެ ގާނޫނުތައް ޝަރަހަ ކުރާނީ އިނގިރޭސި ކޯޓުތަކުގައި ތިއްބަވާ އިނގިރޭސި ފަނޑިޔާރުން؛ އަދި ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގެ އިޚްތިސާސް ނިމުމަކަށް އަންނާނެ،" ޖޯންސަން ވިދާޅުވި އެވެ.

މީގެ އިތުރުން އީޔޫއާ މުހާތަބު ކުރައްވަމުން ޖޯންސަން ވަނީ އިނގިރޭސިވިލާތް އޮންނާނީ އެ އިއްތިހާދުގެ "އެކުވެރިއެއް، ބައިވެރިވެރިއެއް، ސަޕޯޓަރެއް އަދި އެއްވަނަ މާކެޓުގެ ގޮތުގައިކަން" ހަނދާން ނައްތާނުލުމަށް ވިދާޅުވެފަ އެވެ.

ޔޫރަޕިން ކޮމިޝަންގެ ރައީސް އާސަލާ ވޮން ޑާ ލަޔަން ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތާ އެކު ހަދާފައި ވަނީ ދެ ފަރާތަށް ވެސް ފައިދާވާ ފަދަ އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުން ނުހެދުނު ނަމަ އީޔޫއަށް ވުރެ ބޮޑު ގެއްލުމެއް އިނގިރޭސިވިލާތަށް ލިބޭނެކަން ފާހަގަ ކުރައްވާ، އެއްބަސްވުމުގެ މަޝްވަރާތަކުގައި ބޮޑަށް ބާރު އޮތީ އެ އިއްތާހަދަށް ކަމަށް ވިދާޅުވެފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތާއި އީޔޫއާ ދެމެދު އިމްޕޯޓް އެކްސްޕޯޓް ޓެކުހާ ނުލައި މުދަލުގެ ވިޔަފާރި ކުރެވޭނެ އެވެ. ނަމަވެސް ދެ ފަރާތުގެ ކަސްޓަމްސް ގަވާއިދުތަކާއި މިންގަނޑުތައް ތަފާތު ވުމުން، ދެ ފަރާތުގެ ބޯޑަރުގައި މުދާ ޗެކް ކުރާ މިންވަރު އިތުރު ވާނެ އެވެ. އަދި އިނގިރޭސި ރައްޔިތުންނަށް ޔޫރަޕްގައި އަދި ޔޫރަޕްގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގައި ދިރިއުޅުމާއި އުނގެނުމާއި މަސައްކަތް ކުރުމާއި ވިޔަފާރިއެއް ފެށުމަށް އަމަލު ކުރަން ޖެހޭ ގަވާއިދުތައް އިތުރުވާނެ އެވެ.

އެ އެއްބަސްވުމަށް ދެން އީޔޫގެ ލީޑަރުންނާއި ޔޫރަޕިއަން ޕާލިމެންޓާއި އިނގިރޭސި ޕާލިމެންޓުގެ ރުހުން ހޯދާނެ އެވެ. އަދި މި މަހުގެ 31ގައި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުން އެ އެއްބަސްވުމަކަށް އަމަލު ކުރަން ފަށާނެ އެވެ.

comment ކޮމެންޓް