އިންގްލިޝް ފުޓްބޯލް ލީގް(އީއެފްއެކް) ކަޕްގައި އެވަޓަން ކޮޅަށް އެންމެ ފަހު ވަގުތު ޖެހި ދެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓަޑް އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރޭގެ މެޗުގައި ޔުނައިޓަޑްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 88 ވަނަ މިނެޓު އެވެ. އެންތޮނީ މާޝަލްގެ އެހީއާއެކު އެ ލަނޑު ޔުނައިޓަޑަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އެވެ.
އޭގެ އަށް މިނެޓު ފަހުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާކަސް ރަޝްފޯޑްގެ އެސިސްޓަކާއި އެކު މާޝަލް ވަނީ ޔުނައިޓަޑްގެ ލީޑު އިތުރަށް ފުޅާ ކޮށްލަ ދީފަ އެވެ. މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރަމުން ދިޔަ ޔުނައިޓަޑުން ވަނީ އެ މެޗުގައި އެވަޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
އީއެފްއެލް ކަޕްގެ ސެމީ ފައިނަލުން ރޭ ޖާގަ ހޯދި އަނެއް ޓީމަކީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. އެ ޓީމް ވަނީ ސްޓޯކް ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. ޓޮޓެންހަމް އާއި ޔުނައިޓަޑްގެ އިތުރުން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ މެންޗެސްޓާ ސިޓީ އާއި ބްރެންޓްފޯޑް އެވެ.
ހުރިހާ މުބާރާތެއްގައި ކުޅުނު އެންމެ ފަހު ތިން މެޗުވެސް ކާމިޔާބު ކޮށްފައިވާ ޔުނައިޓަޑަށް އެންމެ ފަހުން މުބާރާތެއްގައި ހޯދިފައިވާ ތައްޓަކީ 2017 ވަނަ އަހަރު ހޯޒޭ މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން އެ ޓީމް ކާމިޔާބު ކުރި ޔޫރޮޕާ ލީގް ތައްޓެވެ. އެއަށްފަހު އޫލޭ ގުނާގެ ކޯޗް ކަމުގެ ދަށުން އެ ޓީމް ތިން ސެމީ ފައިނަލުން ބަލިވެފައި ވާއިރު، އެ ޓީމަށް މުބާރާތެއްގެ ފައިނަލާ ހަމައަށް ދަތުރު ކުރެވިފައި ވަނީ އެންމެ ފަހަރަކު އެވެ.
ރޭގެ މެޗުތަކަށް ފަހު ނެގުނު ގުރުއަތުން ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޔުނައިޓަޑާ ދެކޮޅަށް ވާދަކުރާނީ އެ މުބާރާތުގެ ތަށި ވޭތުވެދިޔަ ތިން ސީޒަންގައިވެސް އުފުލައިލި މެންޗެސްޓާ ސިޓީ އެވެ. އަދި ބްރެންޓްފޯޑްއާ ދެކޮޅަށް ޓޮޓެންހަމް ނިކުންނައިރު، އެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ހަތަރެއްގަ އެވެ. އަދި އެ މުބާރާތުގެ ފައިނަލް ކުޅޭނީ އޭޕްރިލް މަހުގެ 25ގަ އެވެ.