ޖެނުއަރީ 15 އިން ފެށިގެން ކުނި ނެރެން ޖެހޭނީ ރޭގަނޑު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭ ސިޓީގެ ގެތަކުން ކުނި ނެރެން ޖެހޭނީ ރޭގަނޑު ކަމަށާއި، ކުނި ނެގުމާއި މަގުތައް ކުނި ކެހުމުގެ މަސައްކަތް ކުރާނީ ދަންވަރު ކަމަށް ވެމްކޯއިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ޖެނުއަރީ 15 އިން ފެށިގެން ގެތަކުން ކުނި ނެރެން ޖެހޭނީ ރޭގަނޑު 10:00 އާއި މެންދަމު 12:00 އާ ދެމެދު ކަމަށެވެ. އަދި ވެމްކޯއިން ކުނި ކަލެކްޓުކުރަން ފަށާނީ މެންދަމު 12:00ގެ ފަހުން ކަމަށެވެ.

"އަޅުގަނޑުމެން ޓާގެޓަކީ ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް މާލޭގެ މަގުތަކުގެ ހުރި ކުނި ނަގާ، ކުނި ކަހާފަ ބޭއްވުން. ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭ ވަރަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް ޔަގީންކަން އެބަ އޮތް،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

ކޮވިޑް19 އާ ގުޅިގެން ވެމްކޯއިން މީގެ ކުރިން ހަމަޖެއްސާފައި އޮތީ ގޭގެއިން އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށް ފަހު ކޮންމެ ދުވަހެއްގެވެސް މެންދުރު 12:00 އާއި މެންދުރު 2:00އާ ދެމެދު ގޭގޭގެ ތިރިއަށް ބާލާފައި ބަހައްޓަން ޖެހޭ ގޮތަށެވެ.

ނަމަވެސް ކުނިތައް ނުނެގި ގިނަ އިރުތަކެއް ވަންދެން މަގުތަކުގައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މަގުތަކުގައި ގިނަ އިރު ވަންދެން ކުނިތައް ހުރުމުގެ ސަބަބުން މަގުތަކުގައި ވަސް ދުވައި، ބުޅާތައް ކޮތަޅު ހާވައި މަގުތަކަށް ކުނި އެޅޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

އޭގެ އިތުރުން ވެމްކޯގެ ޑަސްބިންތަކާއެކު ސްޓާފުން މަގުތަކަށް ނުކުމެ، ގިނަ އަދަދެއްގެ ހެވީ ވެހިކަލްތައް މަގަށް ނުކުތުމުން މަގުތަކަށް ބާރު ބޮޑުވާކަން ވެސް އާދަމް މުހައްމަދު ފާހަގަކުރެއްވި އެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލު ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ އިތުރުން ހުރިހާ ސްޓޭކް ހޯލަޑަރުންނާ އެކު ގިނަ މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް މުހައްމަދު އަދި ވިދާޅުވީ މި ބަދަލާއެކު ވެމްކޯގެ ސްޓާފުންނަށް ވަރަށް ބޮޑަށް ބުރަ ވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެދިވަޑައިގަތެވެ.

comment ކޮމެންޓް