ސްޕެނިޝް ލީގުގައި ގްރަނަޑާއާ ދެކޮޅަށް ރޭ ރެއަލް މެޑްރިޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލްގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާ ޕޮއިންޓްގެ ގޮތުން ރެއަލް ހަމަހަމަ ކޮށްފި އެވެ.
ރޭގެ މެޗަށް ފަހު 34 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި ރެއަލް ފައި ހަރުކޮށްލާފައި ވާއިރު، ތާވަލްގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށްވެސް ލިބިފައި ވަނީ 34 ޕޮއިންޓެވެ. ނަމަވެސް ލީގުގައި ރެއަލްއަށް ވުރެ ދެ މެޗު މަދުން ކުޅެފައިވާ އެތްލެޓިކޯ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އަދިވެސް ބޮޑެވެ. އެގޮތުން އެ ދެ ޓީމާ އެންމެ ގާތުން އުޅޭ ރެއަލް ސޮސައިޑާޑްވެސް ތިންވަނައިގައި އޮތީ 26 ޕޮއިންޓާއެކު އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގްރަނަޑާ ވަނީ ރަނގަޅު ކުޅުމެއް ދައްކާ ރެއަލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ގްރަނަޑާއަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތުގައި މެޗުގެ ފުރަތަމަ މިނެޓުގައި ރޮބާޓޯ ސޮލްޑާޑޯ ދިން ޕާސް ހުސްކޮށް ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެ ޓީމްގެ އެންޓޯނިއޯ ޕުއެރްތަސްއަށް ފޮނުވާލެވުނީ ގޯލްގެ ހުރަސް ދަނޑި މަތިންނެވެ.
އަނެއް ކޮޅުން އޭގެ ދެ މިނެޓު ފަހުން ކަރިމް ބެންޒެމާ ފޮނުވާލި ހަމަލާ އަމާޒުވެގެން ދިޔައީ ގްރަނަޑާގެ ގޯލްގެ އަރިމަތީ ދާގަނޑަށް ށެވެ. މެޗުގެ ފުރަތަމަ 10 މިނެޓުތެރޭ ރެއަލްގެ ސާޖިއޯ ރާމޮސް އާއި ރޮޑްރީގޯއަށް ފުރުސަތުތަކެއް ލިބިގެން ދިޔައިރު، ގްރަނަޑާގެ ކެނެޑީވެސް ވަނީ އެ ވަގުތުކޮޅު ތެރޭ ރެއަލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ގްރަނަޑާއިން ރަނގަޅު ކުޅުމެއް ދެއްކަމުން ދިޔައިރު، ރެއަލްއަށް އިތުރު ދަތިތަކަކާ ކުރިމަތިވީ 35 ވަނަ މިނެޓުގައި އެ ޓީމްގެ ރޮޑްރީގޯ ގޮއޭޒްއަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުމުންނެވެ. އަދި ފުރަތަމަ ހާފް އެއްވެސް ޓީމަކަށް ލީޑު ނުނެގި ނިމިގެން ދިޔައިރު، ރެއަލްއަށް ލުޔެއް ލިބުނީ މެޗުގެ ދެވަނަ ހާފްގަ އެވެ.
ރެއަލްއަށް މެޗުގެ ލީޑު ނެގުނީ ދެވަނަ ހާފްގެ 12 ވަނަ މިނެޓުގައެވެ. މާކޯ އެސެންސިއޯ ނަގައިދިން ހުރަހަކުން އެ ލަނޑު ރެއަލްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކަސަމީރޯ އެވެ. އެ ލަނޑާއެކު މެޗުގައި ރެއަލްއަށް ނޭވާލާން ފުރުސަތު ލިބުނު ކަމުގައި ވިނަމަވެސް، ގްރަނަޑާއިން ވަނީ ދެވަނަ ހާފްގެ ފަހުކޮޅު ނަތީޖާ ހަމަހަމަ ކުރަން އިތުރަށް މަސައްކަތް ކޮށްފަ އެވެ.
މެޗުގެ ނަތީޖާ އެއްވަރުކުރަން ގްރަނަޑާއިން ގިން މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ޓީމަށް ވަނީ އެކަން ކާމިޔާބު ވާގޮތް ނުވެފައެވެ. އަދި މެޗު ތިން ޕޮއިންޓް ރެއަލްއަށް ކަށަވަރު ވެގެން ދިޔައީ ދެވަނަ ހާފް ނިމި އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އިސްކޯގެ އެހީއާއެކު ކަރިމް ބެންޒެމާ ރެއަލްއަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.