ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލި ދެ ދައުވާގެ ހުކުމްކުރުމުގެ އަޑުއެހުން މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ކުރީ ކޮޅު، ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ އެ ކުއްޖާ މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަކުއްޖަކު މަރެމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.
މި އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް އާފިޔާގެ މައްސަލައިގައި ހުކުމް ކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް، ހުކުމް ކުރުން ފަސް ކުރީ އެވެ. ނޮވެމްބަރު މަހުގެ ތެރޭގައިވެސް ހުކުމް ކުރަން މަސައްކަތް ކުރި އެވެ. ވަކީލަކު ބޭނުން ނުވާކަމަށް އާފިޔާ ބުނަމުން އަޔަސް ނޮވެމްބަރު މަހުގެ ތެރޭގައި ހުކުމާ ހަމައަށް އާދެވުމުން ވަނީ ވަކީލަކު ބޭނުންވާ ކަމަށް ބުނެފަ އެވެ. އެއާއެކު މައްސަލައިގެ ހުކުމް އިއްވުން ލަސްވި އެވެ.
މިއަދު އެ މައްސަލައިގައި ވަކީލަކާއެކު ހުލާސާ ބަޔާން އިއްވަން އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ. އަޑުއެހުންތައް ނިންމަވާލިކަން އިއުލާނު ކުރައްވަމުން މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ، އާފިޔާއަށް ހުކުމް ކުރުމަށް ބޭއްވޭ އަޑުއެހުން އޮންނާނީ މި މަހުގެ 28ގައި ކަމަށެވެ.
ދައުލަތުން މީގެ ކުރިން އެ މައްސަލައިގައި ބުނެފައި ވަނީ އިބްތިހާލް މަރުވީ އާާފިޔާ އޭނާ ނޭވާ ހާސްކުރުމުން ކަމާއި، އާފިޔާ އިބްތިހާލްއަށް އަނިޔާ ކުރި ކަމާއި، އިހުމާލުވި ކަމާއި، އެހެން ދަރިންނާ ތަފާތުކުރިކަން ހެކިތަކުން އެނގޭ ކަމަށެވެ.
އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުގައި އޭނާ ވަނީ އިބްތިހާލް މަރާލުމަށް އިއުތިރާފުވެފަ އެވެ. އަދި ފުލުހުންގެ ތަހުގީގުގައިއާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އޭނާ އިއުތިރާފުވި އެވެ. އެކަމަކު، އޭނާގެ ފަހުން މުޅި ރާގު ބަދަލުވި އެވެ.
އާފިޔާ ފަހުން ބުނެފައި ވަނީ ގަސްތުގައި އިބްތިހާލް މަރާނުލާ ކަމަށެވެ. އަދި ގަސްތުގައި އަނިޔާވެސް ނުކުރާ ކަމަށެވެ. އޭގެ އިތުރުން، ހެކިވެރިން ހަދާފައި ވަނީ ހުސް ދޮގު ކަމަށާއި، ޑޮކްޓަރުންގެ ރިޕޯޓުތަކުގައިވެސް "އެއްފަހަރަކު އެކައްޗެކޭ" ނުކިޔާ ކަމަށް އާފިޔާ ބުންޏެވެ.