ކޮލަމް ފޮޅުވަތް - ބުރިޖާއި ހައިވޭ ހިލޭވެގެން ނުވާނެ!

މާލޭގެ އިރުމަތީކޮޅުގައި އެ އޮތް "ޗައިނާ-ރާއްޖެ ރަހުމަތްތެރިކަމު"ގެ ފާލަމުން ދުއްވާލާފައި ގޮސް ހުޅުމާލެއަށް ޖައްސާލުން އެއީ ދެން މިހާރު ވަރަށް ވެސް ފަސޭހަކަމެކެވެ. އެއީ އަޑި ގުޑަންތަކެއް ނެތް ވަރަށް ފަސޭހަ ފެންވަރު ރަނގަޅު އޮމާން ފާލަމަކާއި މަގެކެވެ. އެ ފާލަމުން ދުއްވާފައި ދާއިރު އާންމު ރައްޔިތު މީހާ ކުރާން ޖެހޭ ފިކުރެއް ދައްކާން ޖެހޭ އަގެއް ނެތަސް، އެ ފާލަމަށް އެޅި ކޮންމެ ކޮންކުރީޓްކޮޅަކާއި އެއާ ގުޅިފައިވާ މަގުގައި އެޅި ކޮންމެ ތާރުކޮޅަކީ ހިލޭ އަހަރުމެންނަށް ލިބުނު ކަންކަމެއް ނޫނެވެ. އެއީ އަގު ދައްކައިގެން ރާއްޖެއިން ލބިގަތް ހަރު މުދަލެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބުރިޖާއި ހައިވޭ އެޅުމަށް 76.12 މިލިއަން ޑޮލަރު (1.17 ބިލިއަން ރުފިޔާ) ޗައިނާގެ އެކްސްޕޯޓް އެންޑް އިމްޕޯޓް ބޭންކުން ރާއްޖެ ވަނީ ދަރަންޏަށް ނަގައިފަ އެވެ. އެ ފައިސާ އަކީ އަދުނޫން މާދަމައަކު ރާއްޖެއިން ޗައިނާއަށް އަނބުރާ ދައްކާން ޖެހިފައިވާ ފައިސާއެކެވެ. އެއީ ރާއްޖޭގެ ދަރަނި ފޮތުން ފެންނާން އޮތް ރެކެވެން ނެތް ހަގީގީ ނަމްބަރެވެ.

އާންމު ރައްޔިތު މީހާގެ ކަންބޮޑުވުމެއް ނެތަސް މި ގައުމު ކުރާން ޖެހިފައިވާ ބޮޑު ފިކުރަކީ އެ ފައިސާ ޗައިނާއަށް އަނބުރާނެ ދައްކާނެ ގޮތެއް ހޯދުމެވެ. ސަބަބަކަށް ވަނީ އެ ފާލަމަކީ މިހާރު އާމްދަނީއެއް ނުލިބޭ ކޮންކުރީޓުގަނޑަކަށް ވެފައިވާތީ އެވެ.

ދަރައި ވިކިގެންވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ފާލަން އަޅައި ގުޅިލާމެހިގެން ދާނެ ގޮތަށް ތާރު މަގެއް ހަދައި ނިންމީ އެތަނުން އާމްދަނީ ހޯދައިގެން، އެ ތަން ހެދުމަށް ނެގި ބޮޑު ދަރަނި އަނބުރާ ދެއްކުމުގެ ވިސްނުން ބާއްވައިގެންނެވެ. އެއީ "ނުފޯރާ ފޮތިން ފޫގެޅުން" ކަމަށް ބުނެ އެ މަޝްރޫއަށް އަމާޒުވި ފާޑުކިޔުންތަކަށް އޭރުގެ ސަރުކާރުން ދިން ރައްދަކީ ވެސް އެ ފާލަމުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނޫނީ "ޓޯލް"އެއް ނަގައިގެން އާމްދަނީ ހޯދައި ނެގި ލޯނު ފަސޭހަކަމާ އެކު ހަލާސްކުރެވޭނެ ކަމެވެ. އެ އަމާޒަށް ދާން އޭރުގެ ސަރުކާރުން 2018 ވަނަ އަހަރު ހުށަހެޅި ބަޖެޓުގައި ބުރިޖް ފީ ނެގުމުގެ ނިޒާމު ގާއިމް ކުރަން 56.8 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް އެ ބަޖެޓު ތަންފީޒު ކުރަން އައި މި ސަރުކާރުގެ ސިޔާސަތު މުޅީން ބަދަލުވެ ބުރިޖު ރައްޔިތުންނަށް "ހިލޭ" ކުރީ އެވެ. ރައްޔިތުންނަށް އޯގާތެރިކަމުގެ ހަދިޔާއެއް ދިއްކޮށްލީ އެވެ.

އެ ހަދިޔާގެ އަގު ދައުލަތުން އުފުލަން ޖެހިފައި ވިޔަސް ބިލިއަނެއްހާ ރުފިޔާގެ އެ ބޮޑު ބުރަ އުފުލާނެ ގޮތެއް ސަރުކާރަކަށް އަދިވެސް ބުނެއެއް ނުދެވެ އެވެ. އަދި އެ ފާލަމާއި މަގުގެ މަރާމާތަށް ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި ފޫބެއްދިދާނެ މަގެއް ވެސް އޮތީ އަދި ނޭނގުމެއްގެ ތެރޭގަ އެވެ. މިހާރު ކުރިމަތީ މި އޮތް ސުވާލަކީ، ފާލަމުން ފީއެއް ނުނަގަން ނިންމި ނިންމުމާ އެކު އުފުލާން ޖެހޭ ބޮޑު ބުރަ އާއި ދަތި ރައްޔިތުންގެ މާލިއްޔާއަށް ނެގޭނެ ހެއްޔެވެ؟ އެވަރުގެ މުއްސަނދިކަމެއް ދިވެހީންގެ މާލިއްޔާގައި އެބަ ހުރި ހެއްޔެވެ؟

ދަރަނީގެ ތަފާސްހިސާބު ފޮތް ހުޅުވާލާއިރު ފެންނަނީ ސިއްސައިގެން ދާވަރު ބޮޑު ނަމްބަރެކެވެ. ރާއްޖޭގެ ޖުމްލަ ދަރަނި 79 ބިލިއަން ރުފިޔާއަށް މިހާރު އަރާފައިވާ އިރު އެއީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 138 ޕަސެންޓެވެ. މިއީ އިގްތިސާދީ މިންގަނޑުތަކުން ބަލާއިރު މިހާރުވެސް ވަރަށް ބޮޑަށް ރަތް ރޮގު ހުރަސްކުރުމެކެވެ. އަދި މިހާރުވެސް ކޮންމެ އަހަރަކު ދަރަނި އަނބުރާ ދައްކަން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މާލިއްޔާއިން ހަރަދުކުރަން ޖެހެ އެވެ. މިހާ ބޮޑަށް ރާއްޖެ ދަރާފައިވާ އިރު، ލޯނު ނަގައިގެން ހަދާފައިވާ ތަނަކުން އާމްދަނީއެއް ލިބެން އޮތް ނަމަ، އެ ދިމާލުން ފައިސާ ހޯދައިގެން ލޯނު ދައްކަން އުޅުމަކީ އެއީ މިވަގުތަށް އިސްކުރަން ޖެހޭ ބުއްދިވެރި ވިސްނުމެކެވެ. އެއީ އިގްތިސާދީ ނަޒަރިއްޔާއެއްގައިވެސް ކަންކުރަން ޖެހޭ ގޮތެވެ. ރައްޔިތުންނަށް އޯގާތެރިވާކަން ދައްކަން ޖެހެނީ ދެކޮޅު ނުޖެހޭ ސިޔާސަތުތަކަކުން ނޫނެވެ. ރައްޔިތުންނަށް ހަގީގަތުގައި އޯގާތެރިވުމަކީ ބުރިޖު ފީ ނަގަން ޖެހޭ ސަބަބު ރައްޔިތުންނަށް ސާފު ސީދަލަށް ބުނެދީގެންނެވެ.

މިއަހަރުވެސް، ބަޖެޓުގައި މުޅިން އަލަށް އާމްދަނީ ހޯދާނެ ގޮތަކަށް ކޮންޖެޝަން ފީއެއް ނޫނީ ތޮއްޖެހުމުގެ ފީއެއް ރައްޔިތުން އަތުން ނަގަން ހިމަނާފައިވާއިރު، އެ ފީ ނަގާ މަގުސަދަށް ބަލާއިރު ބުރިޖާއި ހައިވޭން ފީއެއް ނެގުން މާ އައުލާކަން ބޮޑެވެ. ސަބަބަކީ، ބުރިޖާއި ހައިވޭއަކީ އަޑިގުޑަންތައް ނެތް ފެންވަރު ރަނގަޅަށް ހަދާފައިވާ މަގަކަށް ވުމެވެ. އަދި ކޮންޖެޝަން ފީ ނުނަގާ ބުރިޖު ފީ ނެގުން ރަނގަޅުވާ އަނެއް ސަބަބަކީ މާލެ ތޮއްޖެހުމަކީ ރައްޔިތުންގެ ސަބަބުން ވެގެން އުޅޭ ކަމަކަށް ނުވާތީ އެވެ. އެއީ އެކި އެކި ޒަމާނުގައި ގައުމާ ހަވާލުވި ސިޔާސީ ވެރިންގެ ސިޔާސަތުތަކުން ގައުމަށް ކުރިމަތިވެފައިވާ ހާލަތަކަށްވާއިރު، އެކަމުގެ އަދަބު އާންމު އެންމެހާ ރައްޔިތުންނަށް ދިނުމަކީ އެއްވެސް އިންސާފެއް ނޫނެވެ. އެހެން އެކަން ކުރާ ނަމަ، އެއީ ވަރަށް ހުތުރު އިންސާފެކެވެ. މާލޭގެ ހާލަތު ދަށްކަމުން ވެހިކަލް ދުއްވަން ހެޔޮނުވާއިރު، އަނެއްކާ ވެސް އިތުރު ފީއެއް ނަގާ އާންމު ރައްޔިތު މީހާ އިތުރަށް ދަރުވާލުމުގެ މާނައެއް ނުވިސްނެ އެވެ.

މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ތޮއްޖެހުން މަދުކުރަން އެތައް ނަމެއްގައި އެތައް ފީއެއް ނަގައި ރައްޔިތުން މިހާރުވެސް ޖޫރިމަނާކުރުވަ އެވެ. އެކަމަކު ނަތީޖާ ސުމެކެވެ. އެހެން ވީމާ ކޮންޖެޝަން ފީ އަކީ އެއީ ވަށާ ޖެހޭނޭ ސިޔާސަތެއް ނޫންކަން މާލޭގެ ތޮއްޖެހުމަށް ބެލީމާ އެ އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. އެކަމަކު އެއާ ހިލާފަށް ބުރިޖުން ފީ ނެގުމަކީ ވަށައި ޖެހޭ ސިޔާސަތެކެވެ.

ދުނިޔެ ތަޖުރިބާ ކުރާ ހަމައަކީ ވެސް ބުރިޖާއި ހައިވޭތައް ހަދާ ފީ ނަގައިގެން އެތަންތަން ދިގު މުއްދަތަކަށް، ރަނގަޅު ފެންވަރަކަށް ބެލެހެއްޓުމެވެ. އެކަން އެގޮތަށް ކުރަނީ އެއީ ދެމެހެއްޓެނިވި ގޮތުގައި އެކަން ކުރަންވޭނޭ އެންމެ ހެޔޮ ގޮތަށް ވާތީ އެވެ. އެހެން ނޫނީ ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭ މާލޭގެ މަގުތަކުގެ ހާލަތަށް ބުރިޖާއި ހައިވޭޭގެ ހާލަތު ވެއްޓި އެއީވެސް ދުއްވަން ހެޔޮނުވާވަރު ފާލަމަކަށް ވެދާނެ އެވެ.

އެހެން ވީމާ، މިހާރުން މިހާރަށް ވެސް ކުރަންވީ ކަމަކީ، ބުރިޖާއި ހައިވޭ ބޭނުން ކުރާ ވެހިކަލްތަކުން އެކަށީގެންވާ ފީއެއް ނެގުމެވެ. އެކަމަށް ދެ ފުށްފެންނަ ޒަމާނީ ނިޒާމެއް ގާއިމްކުރުމެވެ. އެއަށް ފަހު އެ އާމްދަނީން ބުރިޖާއި ހައިވޭ ދިގު މުއްދަތަކަށް ބެލެހެއްޓޭނޭ ނިޒާމެއް ގާއިމްކުރަންވީ އެވެ. އަދި އެތަނުން ލިބޭ އާމްދަނީއަކުން އެ ބުރިޖް އަޅަން ދަރަންޏަށް ނެގި ފައިސާ އަނބުރާ ދައްކަން ފަށަންވީ އެވެ. އެއީ ދެމެހެއްޓިނިވި އިގްތިސާދީ ބުއްދިވެރި ވިސްނުމެވެ. ނޫނީ އިރުމަތީކޮޅުގެ އެ އޮތް ފާލަމަކީ ބާ ކޮންކުރީޓަށްވެ ބާ ދަގަނޑަށް އިސާހިތަކު ވެދާނެ އެވެ. ވެހިކަލްތަކުން ކޮންޖެޝަން ފީއެއް ނެގުމަށް ވުރެ ބުރިޖް ފީނެގުން މާ އައުލާކަން ބޮޑެވެ.

comment ކޮމެންޓް