މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނބުރާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޝިފާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ ލޮނުޒިޔާރަތްކޮޅު އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންތައް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
މިކަމާ ގުޅޭގޮތުން އަދުރޭ "ސަން" އަށް ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ޝިފާގެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލީ ސަރުކާރުގެ ނުފޫޒުން ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ކަމަށެވެ. އެހެންކަމުން ދެން އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި އެމްޑީޕީގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރައްވާފައެވެ.
"މިނިވަން މުއައްސަސާތަކަށް ލިބިގެން މިއުޅެނީ އެމްޑީޕީން ބޭނުންވާ މިނިވަންކަން. ރައްޔިތުން ބޭނުންވާ މިނިވަންކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ނުފޫޒުގެ ދަށަށް މިނިވަން މުއައްސަސާތައް ދިޔުން އެއީ އެމްޑީޕީން މާނަކުރާ މިނިވަންކަމަކީ،" އަދުރޭ ވިދާޅުވިއެެވެ.
އެ މައްސަލާގައި އޭސީސީ އިން މޭޔަރު ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
އެ މައްސަލަ ހުށަހެޅިފައި އޮންނަތާ މަސް ދުވަސް ފަހުން ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ މައްސަލަ އަނބުރާ ފޮނުވާލީ ތަހުގީގުގައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ހުރިކަމަށް ފާހަގަވާތީ އެކަންކަން ފުރިހަމަކޮށް، އަލުން މައްސަލަ ހުށަހެޅުމަށް ކަމަށެވެ. ނަމަވެސް އަނބުރާ ފޮނުވާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރުވެސް އޭސީސީން އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާފައެއް ނުވެއެވެ.