ސިޔާސީ މަގާމުތަކަށް ވާދަކުރާ އެންމެނަށް ފުލުހުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޝިފާ ގޮވާލައްވައިފި

ޝިފާ ކެމްޕެއިނު ޖަލްސާގައި ވާހަކަ ދައްކަވަނީ--

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕެއިނު ޖަލްސާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަޑައިގެން، ތަނުގެ މަސްލަހަތު ގެއްލުވާލަން މަސައްކަތްކޮށްފައިވާތީ ކަމަށް ބުނެ، ސިޔާސީ މަގާމުތަކަށް ވާދަކުރާ އެންމެނަށް ފުލުހުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޝިފާ ގޮވާލައްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އިވެންޓަކަށް މެންބަރު ޖާބިރު ވަޑައިގެން، ޝިފާ ވާހަކަ ދައްކަވަނިކޮށް ވަނީ އަޑުގަދަކުރައްވާފައެވެ.

އެ ކަމާ ގުޅިގެން ޝިފާގެ ކެމްޕެއިން ޓީމުން ބުނީ އެމްޑީޕީގެ އާންމު މެންބަރުންނަށް ހާއްސަކޮށްގެން ބޭއްވި މި އިވެންޓަށް ޖާބިރު ވަޑައިގަތީ ދައުވަތު އެރުވުމެއް ނެތި ކަމަށެވެ.

ޝިފާގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައި ބުނީ ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވުމުން، މައިކު ކަނޑާލައި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

"އަޅުގަނޑުގެ ކެންޕެއިން އިވެންޓަށް ހުރަސްއެޅުމުގެ ގޮތުން ހިންގި ބޮޑު ޖަރީމާއެއް،" ޝިފާގެ ކެމްޕެއިނު ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޝިފާ ވަނީ ޖާބިރު ކުރެއްވި ކަމަކީ ސިޔާސީ މައިދާނުގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަނިކުރުމަށް ހިންގި އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައިއެވެ.

މީގެ އިތުރުން ޝިފާ ވަނީ ސިޔާސީ މައިދާނުގައި، ސިޔާސީ މަގާމުތަކަށް ވާދަކުރައްވާ އެންމެން ފުލުހުންގެ އިދާރާއިން ރައްކާތެރިކަން ފޯރުކޮށް ދިނުމަށާއި، ސިޔާސީ މީހުންގެ ކަރާމާތަށް އަރައިގަތުމަށް ހިންގޭ މިފަދަ އަމަލުތައް މުޖުތަމައުން މަދުކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައިއެވެ.

comment ކޮމެންޓް