މާލޭގެ މަގު ހަދާ މަޝްރޫއަށް މޭޔަރު މުއިއްޒުގެ އެދުމަށް ބަދަލުތަކެއް ގެންނަނީ

މާލޭގެ މޭޔަރު ޝިފާ މުހައްމަދު އަދި އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މި ސަރުކާރުން ފަށާފައިވާ މަޝްރޫއު އަށް، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބޭނުންވާގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭތީ، އެ މަޝްރޫއު ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް "މާލެ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި ހާއްސަ މަޝްރޫއުއެއް ފަށާފައި ވަނީ މިިދިޔަ އަހަރު ފެބްރުއަރީ މަހުއެވެ. އެ ޕްރޮޖެކްޓުގެ ދަށުން މާލޭގެ އިތުރު މަގުތަކެއް ތަރައްގީކުރުމަށް މަޝްރޫއުގެ ދެވަނަ ސެގްމެންޓުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެކު ސޮއިކޮށްފައިވަނީ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދައުރުގައެވެ.

އެ މަޝްރޫއުއާ ގުޅޭގޮތުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ އެ މަޝްރޫއު މިވަގުތު ހުއްޓާލާފައިވަނީ މާލޭގެ އާ މޭޔަރު ޑރ. މުއިއްޒު ބޭނުންވާ ގޮތަށް މަޝްރޫއުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭތީ ކަަމަށެެވެ.

މޫސާ އަލީ މަނިކު ވިދާޅުވީ ހެންވޭރު އަދި މައްޗަންގޯޅި މަގުތަކުގެ މަސައްކަތް ހުއްޓިފައި ވާ ސަބަބު އޮޅުން ފިލުވުމަށް އެ ދާއިރާތަކުގެ ކައުންސިލަރުންވެސް އެ ކުންފުންޏާ ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

"އެ މަސައްކަތް މިވަގުތަށް ހުއްޓިފައިވަނީ މާލޭ މޭޔަގެ އެދިލެއްވުމާއި އެއްގޮތަށް ޕްރޮޖެކްޓް ސްކޯޕަށް ބޮޑެތި ބަދަލުތައް ގެނައުމަށް" ކަމަށް މޫސާ ވިދާޅުވިއެވެ.

އެގޮތުން ގެންނަ ބަދަލުތަކުގެ ދަށުން މިހާރު ކުރިޔަށް ދަނީ މާލެ ވަށާ 4 ފޫޓު ފުޅާ ދުވާ ޓްރެކެއް ހެދުމަށް އަންދާސީ ހިސާބު ހުށައެޅުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކަކީ ކޮބައިކަން ސާފުކޮށްލުމަށް ޑރ. މުއިއްޒުއަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ދެއަހަރާއި ބައިގެ މުއްދަތަށް ހިންގާ މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓަކީ ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ގެނެވޭ ބަދަލުގައި މާލޭގެ ފެންބޮޑުވުމަށް ހައްލުގެނައުމާއި، އިމާރާތްކުރުމުގެ ޑީވޯޓަރިންގް މައްސަލައަށް ހައްލުގެނައުމާއި، އެކި އެކި ބޭނުންތަކަށް މަގު ކޮންނަކޮނުމުގައި މަގުތައް ނުކޮނެ ޕޭވްމަންޓާ ހިސާބުން އެކަންކަން ހަމަޖެއްސޭގޮތަށް ވަނީ ފަރުމާކުރެވިފަ އެވެ. ހަމައެއާއެކު އަލިފާންނިއްވުމަށް ބޭނުންވާ ފަޔަރ ހައިޑްރަންޓްތަކާއި، މަގުތަކަށް އެކަށޭނަ ހޮޅިދަނޑިތަކާއި، އަދި ކެމެރާ ސިސްޓަމް ހަރުކުރުންވެސް މަޝްރޫއުގައި ހިމެނެ އެވެ.

ނަމަވެސް މިހާރު އެ މަޝްރޫއުގެ ސްކޯޕަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް