ސްޕެނިޝް ލީގުގައި ރޭ ރެއަލް ވަޔޮޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާއަށް ކާމިޔާބުކޮށްދިން ލަނޑާއެކު ލައޮނަލް މެސީ އިތުރު ރެކޯޑެއް ހެދުމުގެ އިތުރުން، ރޭގެ 3-0 ގެ ކާމިޔާބީއިން ބާސާއަށް ލީގުގައި އިތުރު ކުރިއެރުމެއް ލިބިއްޖެ އެވެ.
ރޭގެ މެޗުގައި ބާސާއަށް ކާމިޔާބު ކޮށްދިން ލަނޑާއެކު މެސީ ވަނީ އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާގެ ރިކޯޑް އާކޮށްފަ އެވެ. މީގެ ކުރިން އެ ރެކޯޑް ހަދާފައި ވަނީ ބްރެޒިލްގެ ސަންތޯސް ފުޓްބޯޅަ ކްލަބަށް ކާމިޔާބު ކޮށްދިން 643 ލަނޑާއެކު އެ ގައުމުގެ މައްޝޫރު ކުޅުންތެރިޔާ ޕެލޭ އެވެ. ރޭގެ ލަނޑާއެކު މެސީ ވަނީ މިހާތަނަށް ބާސާއަށް 644 ލަނޑު ޖަހައިދީފަ އެވެ.
އޭގެ އިތުރުން ރޭގެ މެޗުގައި ރެއަލް ވަޔޮޑޮލިޑް ބަލިކޮށް ބާސާ ވަނީ ލީގު ތާވަލްގައި ފަސްވަނައަށް ޖެހިލާފަ އެވެ. ނަމަވެސް މިހާތަނަށް ލީގުގައި ކުޅުނު 14 މެޗުން 24 ޕޮއިންޓް ހޯދާފައިވާ ބާސާ އާއި ތާވަލްގެ އެއްވަނައިގައި މިހާތަނަށް 13 މެޗު ކުޅެފައިވާ އެތްލެޓިކޯ މެޑްރިޑްއާ ދެމެދު އަދިވެސް އަށް ޕޮއިންޓުގެ ތަފާތު އެބައޮތެވެ.
ރޭގެ މެޗުތަކަށް ފަހު ބާސާއަށް އޮތް ހިންހަމަޖެހުމަކީ ތާވަލްގެ ދެވަނައިގައި އޮތް ރެއަލް ސޮސައިޑާޑް ރޭ އެތްލެޓިކޯ މެޑްރިޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ، ތިންވަނައަށް ވެއްޓުމެވެ. އޭގެ އިތުރުން ހަތަރުވަނައިގައި އޮތް ވިޔަރެއަލް 1-1 ގެ ނަތީޖާއަކުން ރޭ އެތްލެޓިކޯ ބިލްބާއޯ އަތުން އެއްވަރުވުންވެސް އެއީ ބާސާއަށް ލިބޭ އިތުރު ހިތްވަރެކެވެ. އެ ދެ ޓީމަށްވެސް މިހާތަނަށް ލީގުގައި ލިބިފައި ވަނީ 26 ޕޮއިންޓެވެ.
ރެއަލް ވަޔޮޑޮލިޑްގެ ހޯމް ސްޓޭޑިއަމްގައި ބާސާއާ ދެކޮޅަށް އެ ޓީމް ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ބާސާއިން ވަނީ ދެ ގޯލް ކާމިޔާބުކޮށް މެޗުގައި ލީޑު ފުޅާކޮށްލާފައެވެ. ގިނަ ވަގުތު ބޯޅަ ހިފައްޓައިން ގިނަ ހަމަލާތަކެއް އުފެއްދި ބާސާއަށް އެ ޓީމްގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި މެސީގެ އެސިސްޓަކުން ކާމިޔާބު ކޮށްދިނީ ކްލެމެންޓް ލެންގްލެޓް އެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ސާޖީނިއޯ ޑެސްޓްގެ އެހީއާއެކު މާޓިން ބްރެތްވައިޓް ވަނީ ބާސާގެ ލީޑު އިތުރަށް ފުޅާކޮށްލަދީފަ އެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ޕެޑްރީގެ އެހީއާއެކު މެސީ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބު ކުރުއިރު، ބާސާއިން އުފެއްދި ހަމަލާތަކުގައި މެޗުގެ ފުރަތަމަ ކޮޅު މެސީއަށް ރަނގަޅު ދެ ފުރުސަތެއް ލިބުމުގެ އިތުރުން ބާސާގެ ތިން ޝޮޓް ވަނީ ރެއަލް ވަޔޮޑޮލިޑްގެ ގޯލް ދަނޑިއަށް އަމާޒުވެފަ އެވެ.