ޕީސީއާރު ޓެސްޓުގެ އަގު ބޮޑުވެ ބުކިންތައް ކެންސަލްވަނީ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޕީސީއާރު ޓެސްޓު ހެދޭ އަގު ބޮޑުވެ، ބުކިންތައް ކެންސަލްވަމުންދާތީ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންނަން ޖެހޭއިރު، އެ މީހުން އެނބުރި ގައުމަށް ދާއިރުވެސް ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ގެންދަން ޖެހެ އެވެ. އަދި ބައެއް އެއާލައިންތަކުން ވެސް މީހުން ފްލައިޓަށް އަރުވަނީ ޕީސީއާރު ޓެސްޓެއް ހުށަހެޅުމުންނެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް އަބްދުﷲ ނަޝީދު "ސަން"އަށް މިއަދު ވިދާޅުވީ ރާއްޖޭގައި ޕީސީއާރު ޓެސްޓު ހަދައިއޭ އަގު ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކަމަށެވެ. އަދި ގެސްޓްހައުސްތަކަށް އަންނަނީ މެދު ފަންތީގެ ޓޫރިސްޓުން ކަމަށް ވާތީ، ޕީސީއާރު ޓެސްޓުގެ އަގު ރާއްޖޭގައި ބޮޑުވުމުގެ ސަބަބުން ބުކިން ކެންސަލްކުރާ ފަހަރުވެސް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ބުކިންތައް ކެންސަލްވޭ. ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި. ބުކިން ހަދާފައި ހުންނަ މީހުންވެސް މިތަނުގައި 85 ޑޮލަރު ދީފައި ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ވާހަކަ ބުނީމަ ކެންސަލް ކޮށްލާ." ނަޝީދު ވިދާޅުވި އެވެ.

މިމަހުގެ 15 ވަނަ ދުވަހު މާފުއްޓަށް ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް -- ފޮޓޯ: ޓްވިޓާ

އޭނާ ވިދާޅުވީ ހަތަރެއް ނުވަތަ އެއަށްވުރެ ގިނަ މީހުން ޗުއްޓީ ހޭދަކުރަން އަންނައިރު މި ރޭޓަކީ ނިސްބަތުން ބޮޑު ރޭޓަކަށްވާނެ ކަމަށެވެ. އަދި ކުދި ގެސްޓްހައުސްތަކުގެ ރޫމް ރޭޓަށްވުރެ މިހާރު ޕީސީއާރު ޓެސްޓު ހެދޭ ރޭޓުތައް ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓު ހެދުމަކީ މަޖުބޫރު ކަމެކެވެ. އެހެންކަމުން ގެސްޓްހައުސްތަކުގެ ވިޔަފާރި ދެމިއޮތުމަށްޓަކައި ޕީސީއާރު ޓެސްޓުގެ އަގުހެޔޮ ކުރުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އެހެން ނޫނީ އަޅުގަނޑުމެންނަށް ގެއްލުންވަމުން ދާނީ،" ނަޝީދު ވިދާޅުވި އެވެ.

ގޭމްގެ އިތުރުން ލިވަ ބޯޑުތައް ތަމްސީލް ކުރާ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ވެސް ވަނީ ޕީސީއާރު ޓެސްޓުގެ އަގު ދަށްކުރުމަށް ގޮވާލާފަ އެވެ.

އެންބީއޭއެމްގެ ރައީސް އަހްމަދު އަފްރާހު ވިދާޅުވީ ކުރިއާ އަޅާބަލާއިރު މިހާރު ޕީސީއާރު ޓެސްޓުގެ އަގުތައް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ތަންތަނާ އެކަށީގެންވާ އަގުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަފާރީ އުޅަނދެއް ---ސަން ފޮޓޯ

"މިއަހަރުގެ ޖުލައި ހިސާބުގައި އަގުތައް ހުރީ 180-200 ޑޮލަރާ ދެމެދުގައި. މިހާރު 70-100 ޑޮލަރަށް ކުޑަވެއްޖެ. އެކަމަކު ހުސް ހައި އެންޑް ރިސޯޓުތަކުގައެއް ނޫން ޓޫރިޒަމް ސިނާއަތް މި އޮތީ. އެބަހުރި ބުޓީކް ހޮޓެލްސްއާއި ސަފާރީ ބޯޓުތައް ވެސް. ކުދި ތަންތަނަށް އެކަށީގެންވާ އަގެއް ނޫން މިހާރު މިހިރީ،" އަފްރާހު ވިދާޅުވި އެވެ.

"އޭރުގެ ހާލަތާ މިހާރު މިއޮތް ހާލަތާ ވެސް ތަފާތު. އޭރު ރާއްޖެއަށް އިމްޕޯޓުކުރަން ދަތި. ބައެއް ގައުމުތަކުން އޮތީ މިކަމާ ގުޅޭ ތަކެތި އެކްސްޕޯޓު ކުރުން ވެސް މަނާކޮށްފައި. މިހާރު އެ ހާލަތެއް ނޫން މި އޮތީ އެހެންވީމަ އިތުރަށް އަގުހެޔޮވާން ވާނެ."

މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޓެސްޓު ހަދާ ފަރާތްތައް އިތުރުކޮށް، ވާދަވެރި މާހައުލެއް އުފެއްދުމެވެ. އަދި ޕީސީއާރު ޓެސްޓުގެ އަގު ދަށްކުރުމުގައި ސަރުކާރަށް ވެސް ބޮޑު ދައުރެއް އަދާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ މިކަން ފެށިއިރު އައިޖީއެމްއެޗްއާއި ވަރަށް މަދު ބައެއް މިކަން ކުރީ. މިހާރު އެސްޓީއޯއިން ވެސް މިކަމާ ގުޅޭ ތަކެތި އަގުހެޔޮ ކުރަން މަސައްކަތް ކުރަމުންދަނީ. އަމިއްލަ ފަރާތްތަކުން ވެސް އެބަޖެހޭ މިކަމަށް ވަންނަން. ކޮމްޕެޓިޝަން އިތުރު ކޮށްގެން އަގު ދަށްކުރެވޭނެ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕީސީއާރު ޓެސްޓު ނޫން، އެއަށްވުރެ އަވަހަށް ނަތީޖާ ލިބޭ އަދި އަގުހެޔޮ ގޮތެއް ހޯދަންޖެހޭ ކަމަށް އަފްރާހު ވިދާޅުވި އެވެ.

comment ކޮމެންޓް