ވީއައިއޭ އަށް އޯރަޓް ޑިރެކްޓަރެއް

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޝަން ރެޑިސަން އެއާޕޯޓް ޓްރާންސްފާ (އޯރަޓް) ޑިރެކްޓަރެއް ހަމަޖައްސައިފިއެވެ.

އެ މަގާމަށް އައްޔަނުކޮށްފައިވަނީ މެދުއިރުމަތީގެ އެއާޕޯޓުތަކުގައި އޯރަޓް ގެ މަސައްކަތުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ އިންޑިއާގެ ބޭފުޅެކެވެ.

އެމްއޭސީއެލްގެ މަސައްކަތްތަކާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެެ މަސައްކަތްތަކާއި އޮޕަރޭޝަންސްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ސްޓުއާޓް އިއްޔެ ވިދާޅުވީ އޯރަޓްގެ މަގާމުގައި މީގެ ކުރިން ވީއައިއޭގައި އެއްވެސް މީހަކު ނެތް ކަމަށާއި އެ އެއާޕޯޓުގައި އަލަށް އުފެއްދި އެ މަގާމަކީ އާ އިންފްރާސްޓްރަކްޗާ އާއެކު އެއާޕޯޓުގެ ހިންގުމަށް ބޮޑު ބަދަލެއް އަންނައިރު، އެކަންތައް މެނޭޖުކުުރުމަށް މުހިއްމު މަގާމެއް ކަމަށެވެ.

"މި ހަފްތާ ވީއައިއޭ އަށް އޯރަޓް އެއް މި ހަމަޖެއްސީ. އެ މަގާމަށް ހަމަޖެއްސި ބޭފުޅާއަކީ މި ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ބޭފުޅެއް. މީގެ ކުރިން ބަހްރެއިންގައި އަޅުގަނޑު ވަޒީފާ އަދާކުރިއިރު އެތަނުގެ އެއާޕޯޓުގައި އޯރަޓްގެ މަސައްކަތް ކުރެއްވި އެކްސްޕީރިއަންސްޑް ބޭފުޅެއް،" ސްޓުއާޓް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޯރަޓްގެ މަސައްކަތަށް އިތުރު މީހުން އަދިވެސް ބޭނުންވާނެ ކަމަށެވެ. މެދުއިރުމަތީގެެ އެއާޕޯޓުތަކަކީ އާ އިންފްރާސްޓްރަކްޗާ އާއެކު ބޮޑު ބަދަލެއް ދައްކަމުންދާ އެއާޕޯޓުތައް ކަމަށާއި އެތަންތަނުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ މީހުން ރާއްޖެ ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ އަށް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ދަނީ ހިންގަމުންނެވެ.

އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް ސްޓުއާޓް ހަމަޖެއްސީ މި އަހަރުގެ ޖުލައި މަހުއެވެ.

comment ކޮމެންޓް