އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު އިރުގެ އަލިން އުފައްދާ ހަަކަތަ 20 ޕަސެންޓް އިތުރުކުރުން: މިނިސްޓަރު

ހަކަތައިގެ މަގު ޗާޓު އިފްތިތާހްކުރުމަށް މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން-- ފޮޓޯ: އެންވަޔަރަަމަންޓް މިނިސްޓަރު

ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު އިރުގެ އަލިން އުފައްދާ ހަަކަތަ 20 ޕަސެންޓް އިތުރުކުރުންކަމަށް އެންވަަޔަރަަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ހަކަތައިގެ މަގު ޗާޓު އިފްތިތާހްކުރުމަށް މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަަމަންޓް މިނިސްޓަރު ވިދާޅުވީ އެނާޖީ ސެކްޓާގެ އެންމެ މުހިންމު ގޯލަކީ 2023 އަންނައިރު 2018 އިގައި ހުރި ވަރަށް ވުރެ 20 ޕަސެންޓް އިތުރުކުރުން ކަމަށެވެ.

މިއަދު އިފްތިތާހްކުރި މަގު ޗާޓަކީ އޭޑީބީއާ ގުޅިގެން ސްޓްރެޓެޖިކް އެކްޝަޕް ޕްލޭންގައި ހުރި ކަންތައްތައް ހާސިލްކުރަން އެކުލަވާލި މަގު ޗާޓެކެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ޖުމްލަ ރިސޯޓްތަކާއި ރަށްރަށުގައި ހުރި ޕީކް ލޯޑަކީ 280 މެގަވޯޓް. އޭގެ ތެރެއިން އަޅުގަނޑުމެން 2018 ގައި ހަވާލުވިއިރުގައި މި ހުރީ ހަމައެކަނި ޖުމްލަ 280 މެގަވޯޓްގައި ހިމެނޭ ސޯލާ އެނާޖީގެ މިންވރަަކީ އެންމެ ހަތަރު ޕަސެންޓް. އެހެންވީމާ އަޅުގަނޑުމެން މިޖެހެނީ ހަތަރު ޕަސެންޓްގެ އިތުރަށް 20 ޕަސެންޓް 2023 އާ ހަމައަށް އިތުރުކުރަން. އެހެންވީމާ 2023 ނިމޭއިރުގައި ސެޕްގައި ކަނޑައަޅާފައި އޮތް ގޮތުން އަޅުގަނޑުމެންގެ ޖުމްލަ އެނާޖީގައި ހިމެނޭ ސޯލާގެ މިންވަރު ވާންޖެހޭ 24 ޕަސެންޓަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕްރޮގްރާމްތަކާއި އެއްޗެތި ރާވާފައި ހުރީ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒު ހާސިލްވާވަރަށް އަދި އެއަށްވުރެެވެސް ބޮޑަށް ކަންކަން ރަނގަޅުކުރެވޭ ވަރަށް ކަމަށެވެ.

ރާއްޖެއަކީ ދުނިޔެއަށް ނަމޫނާ ގައުމަކަށް ވަން ޖެހެނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުން އެންމެ ބޮޑު އަނިޔާއެއް ލިބޭ ގައުމަކީ ރާއްޖެކަމަށް ވާތީކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިހާރަށްވުރެ ބޮޑަށް މަސައްކަތްތައް ކުރަން ތައްޔާރަށް ތިބިކަން ހާމަކޮށްދޭންޖެހޭކަަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ އިތުރު އެހީތެރިކަން ލިބޭ ކަމަށްވަންޏާ އަޅުގަނޑުމެން މިތިބީ 2030 ގައި ނެޓް ޒީރޯއަށް ދާށޭ. އެކަމުގެ އަޒުމް ހިފައިގެންނޭ މިތިބީ. މިއީ އަޅުގަނޑުމެން ދުނިޔެއަށް ބުނާ ވާހަކައެއް. އަހަރުމެން މިތިބީ މިއަށްވުރެވެސް ބޮޑަށް ރިނިއުބަލް އެނާޖީ ހާސިލްކޮށް ޖައްވަށް ބޭރުކުރާ ކާބަންގެ އަދަދު މަދުކޮށް ނެޓް ޒީރޯއަށް ދާށޭ. އެކަމުގެ އަޒުމް ހިފައިގެންނޭ މިތިބީ. އަހަރުމެން މިތިބީ މިއަށްވުރެވެސް ބޮޑަށް ރިިނިއުބަލް އެނާޖީ ހާސިލްކޮށް އަޅުގަނޑުމެން ޖައްވަށް ބޭރުކުރާ ކާބަންގެ އަދަދު ނެޓް ޒީރޯއަށް މަދުކޮށް ދާށޭ. އެއީ ކޮންމެހެން ރާއްޖެއިން މާބައިވަރު ކާބަން އެމިޝަންތަކެއް ބޭރުކުރާތީއެއްވެސް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުން ދުނިޔޭގެ އަހަރަކު 100 ބިލިއަން ޑޮލަރު ތަރައްގީވަމުންދާ ގައުމުތަކާ ކުދި ޖަޒީރާ ގައުމުތަކާ އެންމެ ކުޑަކޮށް ތަރައްގީވެފައި ހުރިގައުމުތަަކށް ދޭން އެއްބަސްވެފައި އޮންނަ ކަމަށާއި އެހެން ނަމަވެސް އޭގެން ލިބެމުން ދިޔައީ އެންމެ އަހަރަކު އެންމެ ދިހަ ޕަސެެންޓަކަމަށެެވެ.

އެހެންކަމުން ތަރައްގީވެފައި ހުރި ގައުމުތައް ޝާމިލްކޮށް ޒިންމާދާރުކުރުވަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް