ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ލީގުގެ އެއްވަނައަށް

ލިވަޕޫލް އާއި ޓޮޓެންހަމް ރޭ ކުޅުނު މެޗުގެ ތެރެއިން ... ފޮޓޯ/ ކާޓިލެޖް ފްރީ ކެޕްޓަން

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔަޔާބުކޮށް، ލިވަޕޫލް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.

ރޭގެ މެޗުގައި ބޯޅަ ހިފައްޓައިން ގިނަ ވަގުތު ކުޅެފައި ވަނީ ލިވަޕޫލް އެވެ. އެ ޓީމުން ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައި ވިނަމަވެސް، ޓޮޓެންހަމްގެ ކީޕަރު ހިއުގޯ ޔޮރިސް ވަނީ ހުށިޔާރު ކަމާއެކު އެއިން ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް ފުރަތަމަ ލީޑު ލިބުނީ 26 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުވީ ބޮކްސް ތެރެއިން ލިވަޕޫލްގެ ފޮވާޑް މުހައްމަދު ސަލާހް ފޮނުވާލި ޝޮޓް ޓޮޓެންހަމްގެ މިޑްފީލްޑަރު އެރިކް ޑިއޭގެ ފައިގައި ޖެހި، ގޯލްގެ ތެރެއަށް ޑިފްލެކްޓް ވެގެން ދިޔުމުންނެވެ.

އޭގެ ހަތް މިނެޓު ފަހުން ޓޮޓެންހަމް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޓޮޓެންހަމްގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ދިން ޕާހަކުން އެ ލަނޑު ޓޮޓެންހަމްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ފޯވާޑް ސަން ހިއަންގް-މިން އެވެ. އެ ލަނޑު ޓޮޓެންހަމްއަށް ލިބުނީ ސަން ހުރީ އޮފްސައިޑްގަތޯ ބަލަން ވީއޭއާރް ޗެކެއް ހެދުމަށް ފަހު އެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ފުރަތަމަ ވަގުތުކޮޅުތެރޭ ޓޮޓެންހަމްއިން ރަނގަޅު ހަމަލާތަކައް ލިވަޕޫލްގެ ގޯލަށް ފޮނުވާލައިފައި ވިނަމަވެސް، އެއިން ގިނަ ނިންމުންތައް ވަނީ ގޯލަށް އަމާޒުވާގޮތް ނުވެފަ އެވެ. އަދި 62 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމްގެ ސްޓީވަން ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ލިވަޕޫލްގެ ކާޓިސް ޖޯންސް ދިން ޕާހަކުން އެ ޓީމްގެ ސާޑީއޯ މާނޭ ފޮނުވާލި ހަމަލާވެސް އަމާޒުވެގެން ދިޔައީ ގޯލްގެ ހުރަސް ދަނޑިއަށެވެ. ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރަކުން ނެގި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވައިލައިން ފަމީނޯ ވަނީ ލިވަޕޫލަށް މެޗުގެ ތިން ޕޮއިންޓް ހޯދަދީފަ އެވެ.

comment ކޮމެންޓް