އީރާނުގެ މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން މަޝްވަރާ ނުކުރާނަން: ރޫހާނީ

އިރާނުގެ ރައީސް ހަސަން ރޫހާނީ --- ފޮޓޯ/ އިރާނު ސަރުކާރު

ތެހެރާން (ޑިސެމްބަރު 15): އީރާނުގެ މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާ ނުކުރާނެ ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ރޫހާނީ އެފަދައިން ވިދާޅުވީ، އެމެރިކާއިން އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ އަލުން ގުޅޭނެ ކަމަށް އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން ވިދާޅުވި ފަހުންނެވެ.

ބައިޑެން ވިދާޅުވި ގޮތުގައި އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގައި އިތުރު ޝަރުތުތައް ހިމަނަން ޖެހޭ ކަމަށް އޭނާ ދެކިލައްވަ އެވެ. އޭގެ ތެރޭގައި އީރާނުގެ މިސައިލް ޕްރޮގްރާމު ކޮންޓްރޯލް ކުރުން ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް ރޫހާނީ ވިދާޅުވި ގޮތުގައި އީރާނުން އެގައުމުގެ ސަރަހައްދީ ސިޔާސަތުތަކަށް ބަދަލު ގެނައުން ނުވަތަ މިސައިލް ޕްރޮގްރާމް ހުއްޓުމަކަށް ގެނައުން ފަދަ ބަދަލެއް ނުގެންނާނެ އެވެ. އޭގެ ބަދަލުގައި އެމެރިކާއިން އެގައުމުގެ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހެ އެވެ. އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާ، އެފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދޭން ޖެހެ އެވެ.

"[ނިއުކްލިއާ އެއްބަސްވުމުގެ ވާހަކަތަކުގައި] މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަން އެމެރިކާއިން އެތައް މަހެއް ވަންދެން މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބުވި. [ރައީސް ޑޮނަލްޑް] ޓްރަމްޕަށް އެކަމާ ބެހޭ ގޮތުން އެނގިނުލައްވާނެ. ނަމަވެސް އެ އެއްބަސްވުމާ ބެހޭ ތަފްސީލު ބައިޑެންއަށް އެނގިލައްވާނެ،" ރޫހާނީ ވިދާޅުވި އެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އެއް މިސައިލް ޕްރޮގްރާމް ހިންގާ އީރާނުން ބުނާ ގޮތުގައި އެއީ އެގައުމަށް ހަމަލާ ދިނުން ހުއްޓުވުމަށާއި ހަނގުރާމައިގެ ހާލަތުގައި އެމެރިކާ އާއި އެހެން އިދިކޮޅު ގައުމުތަކަށް ހަމަލާ ދިނުމަށް ބޭނުންވާ މުހިއްމު ހަތިޔާރުތަކެކެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ސިފަ ކުރާ ގޮތުގައި އެ މިސައިލްތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފި ނަމަ އެފަދަ ހަމަލާ ދޭން ބޭނުން ކުރާނެ ހަތިޔާރެވެ.

އެމެރިކާއިން 2015 ވަނަ އަހަރު ގުޅުނު އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެގައުމު ވަކިވީ އޮކްޓޯބަރު 2018އިގައި ރައީސް ޓްރަމްޕްގެ އަމުރުފުޅަށެވެ. އެއީ އެ އެއްބަސްވުމަށް ބަަދަލުތައް ގެންނަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް އިތުރު ހުރަސްތައް އަޅާ، އެގައުމުން ބެލިސްޓިކް މިސައިލް އުފެއްދުން ހުއްޓުވަން ޖެހޭ ކަމަށް ޓްރަމްޕް ދެކިލައްވާތީ އެވެ.

އޭގެ ފަހުން އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

comment ކޮމެންޓް