ލީގުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތު ލިވަޕޫލްއަށް ގެއްލިއްޖެ

ލިވަރޕޫލް އާއި ފުލަމް ރޭ ކުޅުނު މެޗުގެ ތެރެއިން ... ފޮޓޯ/ ޔާހޫ ނިއުސް

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު 1 -1 ގެ ނަތީޖާއަކުން އެއްވަރުވެ، ލީގު ތާވަލްގެ އެއްވަނައަށް ޖެހިލަން ލިވަރޕޫލްއަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ރޭގެ މެޗުން އެއްވަރުވެ ތާވަލްގެ ދެވަނައިގައި ލިވަޕޫލް މިހާރު އޮތްއިރު، އެ ޓީމަށް ލިބިފައި ވަނީ އެއްވަނައިގައި އޮތް ޓޮޓެންހަމްއާ އެއްވަރަށް 25 ޕޮއިންޓެވެ. އަދި ފަސް ގޯލްގެ ތަފާތަކުން ޓޮޓެންހަމް އެއްވަނައިގައި އޮތްއިރު، އެ ދެ ޓީމްވެސް ވަނީ މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗު ކާމިޔާބުކޮށް، ހަތަރު މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ، ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން މެޗު ފެށިގެން ތިންވަނަ މިނެޓުގައި ފުލަމްގެ ކަވަލޭރޯއަށް ހުސްކޮށް ގޯލެއް ޖަހަން ފުރުސަތު ލިބިގެން ދިޔައިރު، އެ ހަމަލާ ލިވަރޕޫލްގެ ކީޕަރު އެލިސަން ވަނީ އެ ހަމަލާ މަތަކޮށްފަ އެވެ.

ކައުންޓަރގައި ލިވަރޕޫލް އުފެއްދި ހަމަލާގައި އަނެއްކޮޅުން އެ ޓީމްގެ ރޮބަރޓޯ ފޮނުވާލި ބާރު ޝޮޓް ވަނީ ފުލަމްގެ ޑިފެންޑަރ އެންޑަސަންގެ ގައިގައި ޖެހި ޑިފްލެކްޓް ވުމަށްފަހު ލިބުނީ ކީޕަރުގެ އަތަށެވެ. މެޗުގައި ލިވަރޕޫލްއިން އުފެއްދި ގިނަ ހަމަލާތައް ފުލަމްގެ ގޯލަށް މާ ބޮޑު ނުރައްކަލަކަށް ނުވާއިރު، ފުލަމްގެ ލުކްމަން އާއި ކަވަލެއިރޯގެ ބާރު ޝޮޓުތައް ލިވަރޕޫލްގެ ކީޕަރަށް ވަނީ ދިފާއު ކުރަން ޖެހިފަ އެވެ.

މެޗުގެ ލީޑު ފުލަމްއަށް ހޯދައިދިނީ 25 ވަނަ މިނެޓުގައި ލުކްމަން ދިން ޕާހަކުން އެ ޓީމްގެ ރީޑް އެވެ. އަދި މެޗުގެ ފުރަތަމަ ހާފް ފުލަމް ލީޑުގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓުގައި ލިވަރޕޫލްގެ ޑިފެންޑަރ ރޮބަރޓްސަން ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ހެދުނު މިސްޓޭކަކުން ފުލަމްގެ ކަވަލެއިރޯއަށް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކުރަން ވަރަށް ރަނގަޅު ފުރުސަތެއް ގެއްލިގެން ދިޔައެވެ.

މެޗުގައި ލިވަރޕޫލްއަށް ނަތީޖާ ހަމަހަމަ ކުރެވިފައި ވަނީ 79 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ލިވަރޕޫލަށް ލިބުނު ހިލޭޖެހުމަކުން ޖޯޖީނިއޯ ފޮނުވާލި ޝޮޓް ފުލަމްގެ ޑިފެންޑަރ އަޑަރަބަޔޯގެ އަތުގައި ޖެހުމުން ލިބުނު އެ ޕެނަލްޓީ އެ ލިވަރޕޫލަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހް އެވެ.

comment ކޮމެންޓް