އެމެރިކާގައި މާދަމާ ކޮވިޑް ވެކްސިން ދޭން ފަށަނީ

ވެކްސިން ބޭނުން ކުރަން ހުއްދަ ލިބުމާއެކު، ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް ގައުމުތަކުން ދަނީ ތައްޔާރުވަމުން -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޑިސެމްބަރު 13): އެމެރިކާއިން މިދިޔަ ހުކުރު ދުވަހު ބޭނުން ކުރަން ހުއްދަ ދިން ފައިޒާ-ބަޔޯއެންޓެކް ކޮވިޑް ވެކްސިން މީހުންނަށް ދިނުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް އެގައުމުން ބުނެފި އެވެ.

އެމެރިކާ ސަރުކާރުގެ ވެކްސިން ކެމްޕޭން، އޮޕަރޭޝަން ވާޕް ސްޕީޑުގެ މެމްބަރެއް ކަމަށްވާ ޖެނެރަލް ގުސްތާވާ ޕާނާ ވިދާޅުވި ގޮތުގައި އެގައުމަށް ލިބުނު ފައިޒާ-ބަޔޯއެންޓެކް ވެކްސިންގެ ފުރަތަމަ ތިން މިލިއަން ޑޯޒް މި ހަފްތާ ބަންދު ތެރޭ ހުރިހާ ސްޓޭޓަކަށް ފޮނުވާނެ އެވެ.

"މާދަމާ އެކި ސްޓޭޓުތަކުގެ 145 ސައިޓަކަށް ވެކްސިން ލިބޭނެ، އިތުރު 425 ސައިޓަކަށް އަންގާރަ ދުވަހު އަދި ބާކީ 66 ސައިޓަށް ބުދަ ދުވަހު ލިބޭނެ،" ޖެނެރަލް ޕާނާ ވިދާޅުވި އެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތް، ކެނެޑާ، ބަހުރައިން އަދި ސައުދީ އަރަބިއާއިން ވަނި ފައިޒާ ވެކްސިންއަށް ހުއްދަ ދީފަ އެވެ. އަދި އެގައުމުތަކާ އެއްގޮތަށް އެމެރިކާއިން ވެސް ވެކްސިން ދިނުމުގައި އިސްކަން ދޭން ހަމަޖެހިފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށާއި އުމުރުން ދުވަސްވީ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލާ ސެންޓަރުތަކުގައި ތިބޭ މީހުންނަށެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ވަނީ އެ ވެކްސިން ރައްކާތެރި ކަމަށާއި އޭގެއިން ކޮވިޑު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ނިންމާފަ އެވެ.

އެމެރިކާއިން ކޮވިޑް ވެކްސިންއަކަށް ހުއްދަ ދިނީ އެގައުމުގައި ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު މިދިޔަ މަހުން ފެށިގެން ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. އެގޮތުން އިއްޔެ އެގައުމުން ކޮވިޑު ޖެހިގެން 3،309 މީހަކު މަރުވި އެވެ. އެއީ އެ ބަލީގައި އެއް ދުވަސް ތެރޭ އެއް ގައުމުން އެހާ ވަރަށް ގިނަ މީހުން މަރުވި ފުރަތަމަ ފަހަރެވެ.

އެމެރިކާގައި މިހާތަނަށް 16.2 މިލިއަން މީހުންނަށް ކޮވިޑު ޖެހި، ބަލީގައި 298،000 މީހުން ވަނީ މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް