ކެނެޑާއިންވެސް ފައިޒާގެ ވެކްސިންއަށް ހުއްދަ ދީފި

އިނގިރޭސިވިލާތުން ވަނީ އެގައުމުގައި ފައިޒާގެ ކޮވިޑް ވެކްސިން ދޭން ފަށާފަ -- ފޮޓޯ: ޕީއޭ މީޑިއާ

އޮޓަވާ (ޑިސެމްބަރު 10): އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް-19 ވެކްސިން ބޭނުން ކުރަން ކެނެޑާއިން ހުއްދަ ދީފި އެވެ.

ހެލްތު ކެނެޑާއިން ބުނި ގޮތުގައި އެ އިދާރާއިން ފައިޒާގެ ވެކްސިންއަށް ހުއްދަ ދިނީ އެ ވެކްސިންއާ ބެހޭ މިނިވަން ތަހުގީގެއް ކުރިއަށްގެންދިޔުމަށް ފަހުގަ އެވެ. އަދި އެ ވެކްސިން އެ އިދާރާގެ ހަރުކަށި މިންގަނޑުތަކާއި ފެންވަރަށް ފެތޭތީ އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި ގޮތުގައި މި މަހު އެގައުމަށް ފައިޒާ ވެކްސިންގެ 249،000 ޑޯޒް ލިބޭނެ އެވެ. އަދި އެގައުމުން ވަނީ މިހާތަނަށް ވެކްސިންގެ 20 މިލިއަން ޑޯޒް އޯޑަރުކޮށްފަ އެވެ.

ކެނެޑާގެ ހެލްތު އޮފިޝަލުން ވިދާޅުވި ގޮތުގައި މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ރައްކާ ކުރަން ޖެހޭ އެ ވެކްސިން ބަހައްޓާނެ 14 ކޯލްޑް ސްޓޯރޭޖް ޑިސްޓްރިބިއުޝަން ސައިޓު މިހާރު އެގައުމުގައި ހުރެ އެވެ. އަދި ފުރަތަމަ ވެކްސިން ޖަހާނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެެ.

މީގެ އިތުރުން ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަޔަށް ކެނެޑާގެ ގިނަ ރައްޔިތުންނަށް ވެކްސިން ޖަހާ ނިމޭނެ އެވެ.

ކެނެޑާގެ ކުރިން އިނގިރޭސިވިލާތާއި ބަހުރައިން އިން ވަނީ ފައިޒާގެ ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު އިނގިރޭސިވިލާތުން ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށާފަ އެވެ.

ފައިޒާއިން ވަނީ އެ ކުންފުނީގެ ވެކްސިން އެމެރިކާގައި ބޭނުން ކުރަންވެސް ހުއްދައަށް އެދިފަ އެވެ. އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ވަނީ އެ ވެކްސިން 95 ޕަސެންޓު ކާމިޔާބު ކަމަށް ބުނެފަ އެވެ. އެހެންކަމުން އެގައުމުގައި ވެކްސިންއަށް އެމާޖެންސީ ހުއްދަ ވަރަށް އަވަހަށް ލިބޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކެނެޑާއިން ވަނީ ވެކްސިން ގަންނަން އެހެން ކުންފުނިތަކާ އެކުވެސް އެއްބަސްވުންތައް ހަދާފަ އެވެ. އަދި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމްއިއްޔާތައް ހިމެނޭ ޕީޕަލްސް ވެކްސިން އެލަޔަންސްއިން ބުނި ގޮތުގައި ކެނެޑާއިން ވަނީ އެގައުމުގެ ރައްޔިތުންނަށް ފަސް ފަހަރަށް ވެކްސިންގެ ޑޯޒްތައް ދެވޭ ވަރަށް އެކި ކުންފުނިތަކުން ޑޯޒްތައް އޯޑަރުކޮށްފަ އެވެ. އަދި މުއްސަނދި ގައުމުތަކުން ވެކްސިންގެ ޑޯޒްތައް ގިނަ އަދަދަކަށް ގަނެ، ފަގީރު ގައުމުތަކަށް ވެކްސިން ލިބުމުގެ ފުރުސަތު ކުޑަ ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް