ފަސިންޖަރަކު ފުންމައިލުމުން އެއާ ކެނެޑާގެ ބޯޓަކަށް ނުފުރި ހަ ގަޑިއިރު

އެއާ ކެނެޑާގެ މަތިންދާބޯޓެއް -- ފޮޓޯ/އިންގްލިޝް އަރަބިޔާ

އެއާ ކެނެޑާގެ މަތިންދާބޯޓެއް ފުރަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ހަ ގަޑިއިރު ލަހުން ފުރައިފިއެވެ. ބޯޓު ފުރުން ލަސްވީ ބޯޓުން ދަތުރުކުރި ޕަސިންޖަރަކު ބޯޓުގެ ކުޑަ ދޮރަކުން ފުންމައިލުމުންނެވެ.

އެ ހާދިސާ ހިނގިއިރު، ބޯޓު އޮތީ ކެނެޑާގެ ޓްރޮންޓޯ ޕިއާސަން ބައިނަލްއަގުވާމީ ވައިގެ ބަނދަރުން އުދުއްސައިލަން ތައްޔާރުވެފައެވެ.

ޕަސިންޖަރު ކުޑަދޮރުން ބޭރަށް ފުންމާލުމާ އެކު، ކުއްލި ހާލަތުގައި މަސައްކަތްކުރާ އެއާޕޯޓުގެ ޓީމުތަކުން ވަނީ އޭނާއަށް ފަރުވާދޭން ފަށައިފައެވެ. ހާދިސާގައި އެނާގެ ފުރާނައަށް ނުރައްކާވާވަރުގެ ކަމެއް ނުހިނގާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެނެޑާއިން އަންނަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެއާ ކެނެޑާގެ ބޯޓެއްގައި ފުރާވަރުގެ ކުއްޖަކު އޭނާގެ އާއިލާގެ މެންބަރަކަށް ހަމަލާދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެއީ ކޮން މަގުސަދެއްގައި ދިން ހަމަލާއެއް ކަމެއް ސާފެއްނުވެއެވެ. އެ ހާދިސާގައި އަނިޔާ ލިބުނު މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް