އާސަންދައިގެ މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި

އާސަންދަ---

އާސަންދަ މޮބައިލް އެޕްލިކޭޝަންގެ އައިއޯއެސް ވާޝަން ތަޢާރަފްކޮށްފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހު އާސަންދައިން ވަނީ އެންޑްރޮއިޑް އެޕްލިކޭޝަން ތައާރަފްކޮށްފަ އެވެ.

އައިއޯއެސްގެ އެޕްލިކޭޝަން ތައާރަފްކުރުމާއެކު މިހާރު އެ އެޕް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެކަަމަށް އާސަންދައިން ބުންޏެވެ.

އާސަންދައިން ބުނީ އެ އެޕް ޑައުންލޯޑްކޮށް ރެޖިސްޓްރީވުމުން، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ހިދުމަތްތަކުގެ ތަފްސީލު އެޕުން ފެންނަން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައް ވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި، ނުހޯދާ ހިދުމަތެއް ލިސްޓްކޮށްފައިވާ ނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަހުގީގުކުރާނެކަމަށް އާސަންދައިން ބުންޏެވެ.

އެ އެޕް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަގްސަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށް އާސަންދައިން ބުންޏެވެ.

"އަދި އެ އެޕްލިކޭޝަންގެ މަގްސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުވާނީ، އާސަންދަ ސްކީމްގެ ހިދުމަތްދޭ އެންމެހާ ތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު ފެންނަން ހުރުމުންކަމަށް މިކުންފުނިން ގަބޫލުކުރާ ހާލު، އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު އާސަންދަ އެޕުން ފެންނަން ނުހުންނާނެ ވާހަކަ ހިތާމައާ އެކު ދަންނަވަމެވެ." އާސަންދައިން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

އާސަންދައިން ބުނީ އަވަސް މުސްތަގުބަލެއްގައި އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސުކީމްގެ ދަށުން ރައްޔިތުމީހާ ހޯދާ ހުރިހާ ހިދުމަތެއްގެ ތަފްސީލު، އަތުގައި އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް