ނިޒާމުގެ މަޝްވަރާ ރައީސާއެކު ކުރާނަން، ރަނގަޅު ގޮތެއް ނިންމޭނެ: ނަޝީދު

"އާސްކް ސްޕީކާ" ޕްރޮގްރާމުގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަނީ ---

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި ރަނގަޅު ގޮތަކަށް ނިމިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުުުލްޖުމްހޫރިއްޔާ އަށެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.

ނަމަވެސް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް މަޖިލިސް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިރޭ ކުރިއަށް ދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން އާންމުން ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވަނީ އަނެއްކާވެސް އެވާހަކަ ތަކުރާރު ކުރައްވައިފައެވެ.

މަޖިލިސް ރައީސް މިރޭ ވިދާޅުވީ ވެރިކަން ހިންގެން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ދިވެހިރާއްޖެއަށް އަދި ކޮންމެ ގައުމަކަށް ވިޔަސް ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި، އެންމެ ރަނގަޅު އެކަންޏެއް ނޫން، އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގިނައިން ވެރިކަން ކޮށްފައި އޮތީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި، ރިޔާސީ ނިޒާމެއް އައިސްގެން އުޅެނީ ވަރަށް ފަހުން ކަމަށެވެ.

އަދި ރައްޔިތުންގެ ކައިރިން، ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ރުހުމާއެކު، އެއް ކަމެއް ދެފަހަރު ނުކޮށް ހަރަދުތައް ވެސް ކުޑަކޮށް، ސާދާގޮތެއްގައި ރައްޔިތުންނާ ކައިރިން ވެރިކަން ކުރެވެން އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެންމެ އެކަށީގެންވާ ވަގުތާ ގުޅޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ އެކަމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

"އެއީ 2023 ވަނަ އަހަރުތޯ ނުވަތަ އޭގެ ކުރިއަށް ކުޑަ ތަންކޮޅެއް ލާފަތޯ. އަޅުގަނޑު ހިތުން، މި ވާހަކަތައް އަޅުގަނޑު ހަގީގަތުގައި ފުރަތަމަ މަޝްވަރާ ކުރާނީ އަޅުގަނޑު ސިޔާސީ ކަންކަމުގައި އަބަދުވެސް އެންމެ ފުރަތަމަ މަޝްވަރާ ކުރާ ބޭފުޅާއާ. ވަރަށް ދުވަސްވެއްޖެ އެއީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކަށް އެބޭފުޅާ ހުންނެވީ. އަޅުގަނޑުމެން އެވާހަކަ ދައްކާނަން. ދެން ދައްކާފަ ރަނގަޅު ގޮތެއް އަޅުގަނޑުމެންނަށް ނިންމޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް ފަށަންވީ ވަގުތު ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މިދިޔަ އޮކްޓޫބަރު މަހު މަޖިލިސް ރައިސް ވަނީ ވިދާޅުވެފައެވެ.

މަޖިލިސް ރައީސް މިރޭ ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

comment ކޮމެންޓް