ކުވޭތުގެ އާއްމު އިންތިހާބު: އަންހެން ކެންޑިޑޭޓުންނަށް ނާކާމިޔާބާ ކުރިމަތިވެއްޖެ

ކުވޭތުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 60 ޕަސެންޓު މީހުން ވޯޓު ދިން -- ފޮޓޯ: އޭޕީ

ކުވޭތު ސިޓީ (ޑިސެމްބަރު 6): ކުވޭތުގައި ހޮނިހިރު ދުވަހު ބޭއްވި އާއްމު އިންތިހާބުން އެގައުމުގެ ޕާލިމެންޓަށް ގިނަ އަދަދެއްގެ އާ މެމްބަރުން ހޮވި، އިންތިހާބުގައި ވާދަ ކުރި ހުރިހާ އަންހެން ކެންޑިޑޭޓުން ނާކާމިޔާބު ވެއްޖެ އެވެ.

ކުވޭތުގެ އާއްމު އިންތިހާބުގައި ޕާލިމެންޓުގެ 50 ގޮނޑިއަށް 342 ކެންޑިޑޭޓުން ވާދަ ކުރި އެވެ. އޭގެ ތެރޭގައި ޕާލިމެންޓުގައި ކުރިން ތިއްބެވި 44 މެމްބަރުން ހިމެނެ އެވެ. ނަމަވެސް މިފަހަރު އިތުރު ދައުރަކަށް ހޮވުނީ އެންމެ 19 މެމްބަރުންނެވެ. އަދި ބާކީ ހުރިހާ މެމްބަރުންނަކީ އަލަށް ޕާލިމެންޓަށް ވާދަ ކުރެއްވި ބޭފުޅުންނެވެ.

އެ އިންތިހާބަކީ ކުވޭތުގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް އަންހެނުން ވާދަ ކުރި އިންތިހާބެވެ. ނަމަވެސް އެ 31 އަންހެނުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބު ނުކުރެވުނެވެ.

ކުވޭތުގައި އަންހެނުންނަށް ވޯޓު ލުމާއި އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު ދިނީ 2005ގަ އެވެ.

މީގެ އިތުރުން މިފަހަރުގެ ޕާލިމެންޓުގައި އިދިކޮޅު މެމްބަރުންގެ އަދަދު އިތުރު ކަމަށާއި އޭގެ ސަބަބުން ކޮވިޑު ބަލިމަޑުކަމާ ގުޅިގެން އެގައުމުން އަޅާނެ އިގުތިސާދީ ފިޔަވަޅުތަކާ ބެހޭ ގޮތުން އަރާރުންތަކަށް މަގުފަހިވުން އެކަށީގެންވާ ކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރި އެވެ.

ކުވޭތުގެ ގާނޫނު އަސާސީގައި އޮންނަ ގޮތުގެ މަތިން އެގައުމުގައި އާއްމު އިންތިހާބު ބޭއްވުމުން އެގައުމުގެ ބޮޑުވަޒީރާއި މިނިސްޓަރުން އިއްޔެ އިސްތިއުފާ ދެއްވި އެވެ. އަދި އެގައުމުގެ އަމީރު ޝައިހް ނައްވާފް އަލްއަހްމަދު އާ ބޮޑުވަޒީރަކު އައްޔަން ކުރައްވާނެ އެވެ.

ޝައިހް ނައްވާފް ކުވޭތުގެ އަމީރު ކަމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30ގަ އެވެ. އެއީ އެ މަގާމުގައި މީގެ ކުރިން ހުންނެވި ޝައިހް ސަބާހުލްއަހްމަދު އެމަހުގެ 29ގައި އަވަހާރަވުމުންނެވެ.

ކުވޭތުގައި އާއްމު އިންތިހާބު ބޭއްވި އިރު އެގައުމުގައި 144،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 891 މީހަކު ވަނީ މަރުވެފަ އެވެ. އަދި އޭގެ ސަބަބުން އިންތިހާބުގައި ބައިވެރިވާ މީހުންގެ އަދަދު ވަރަށް މަދު ވާނެ ކަމަށް އެގައުމުން ލަފާ ކުރި ނަމަވެސް، ވޯޓުލުމުގެ ހައްގު ލިބިގެންވާ 60 ޕަސެންޓު މީހުން ވޯޓު ދިން ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ކުވޭތުގެ 140 ބިލިއަން ޑޮލަރުގެ އިގުތިސާދު މިއަހަރު 46 ބިލިއަން ޑޮލަރުގެ ޑެފިސިޓަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް