އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް އިއްވުން މާދަމައަށް ފަސްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ޒިޔަތުގެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު 10:30 އަށެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، މިއަދު އޮތް އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
އަދި ހުކުމް އިއްވުމުގެ ޝަރީއަތް މާދަމާއަށް ވަނީ ތާވަލްކޮށްފަ އެވެ.
ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ. އެކަމާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ވަނީ 32 ދައުވާއެއް އުފުލާފަ އެވެ.
މިދިޔަ މަހުގެ 30 ގައި ބޭއްވި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ ވަނީ އިއުތިރާފުވެފަ އެވެ.
އަދި ދައުވާތަކަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ ހިޔާނާތުގެ ފައިސާގެ ޗެކްތަކާއި ހަވާލުވީ އަމިއްލައަށް ކަމަށާއި ނަމަވެސް އެއްވެސް ޗެކަކުން ލިބުނު ފައިސާއެއް އޭނާއަށް ލިބިފައި ނުވާކަމަށެވެ.
އަދި އެ ޗެކުތައް ހަވާލުކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވީ ފަރާތްތަކާ ކަމަށާއި އެގޮތަށް ކަންތައް ކުރީ، ސަރުކާރުގެ ކަންކަމަށް އެ ފައިސާ ހަރަދުކުރާ ކަމަށް އަދީބު ވިދާޅުވުމުން ކަމަށެވެ.
އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ޒިޔަތަށް ޖުމްލަ އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.