އޮޑިޓް އޮފީހުގެ 2021-2024 ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްފި

އޮޑިޓް އޮފީހުގެ 2021-2024 ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުން-- ސަން ފޮޓޯ

އޮޑިޓާ ޖެނެރަލްގެ އޮފީހަށް 72 އަހަރުން ފުރުން ފާހަގަކޮށް، 2021-2024 ވަނަ އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްފި އެވެ.

މިރޭ ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުއާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ދައުލަތުގެ ވެރިން ޒިންމާދާރުކޮށް، އިސްރާފު މަދުކުރުމަކީ ގައުމެއް މަސައްކަތެއް ކަމަށެވެ. އަދި މިއީ ގައުމުގެ މަސްލަހަތާއި ހާލަތާ ގުޅިފައިވާ މުހިންމު މަސައްތަކެއް ކަމަށާއި އެހެންކަމުން އޮޑިޓް އޮފީހުގެ މަސައްކަތުގެ ސްޕީޑު އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ.

"މިފަދަ މުއައްސަސާއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގައުމާއި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ހަލުވިމިން އިތުރުކުރަން ޖެހޭ. އަދި އޮޑިޓްތަކުން ފާހަގަވާ ކަންކަން ތަންފީޒު ކުރުމަށް އިތުރު ފިޔަވަޅު އެޅެން ޖެހޭ." ޒިޔަތު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު-- ސަން ފޮޓޯ

އެ ޖަލްސާގެ ޝަރަފުވެރި މެހެމާނު، މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްގެ ވާހަކައިގައި ކޮމެޓީއާއި މަޖިލީހަށް އޮޑިޓް އޮފީހުން އެއްބާރުލުންދޭކަން ފާހަގަކުރައްވާފައިވެ އެވެ.

"މިވީހާ ތަނަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމެޓީން މިކުރި މަސައްކަތުގައި ދަންނަވާލި ކޮންމެ ވަގުތެއްގައި ބޭނުންވާ ކޮންމެ މައުލޫމާތެއް މިބޭފުޅުންގެ ބުރަ މަސައްކަތުން ސަޕޯޓު ދޭކަން އުފަލާއެކު ފާހަގަކުރަން." ނާޝިޒު ވިދާޅުވި އެވެ.

ހަމައެއާއެކު މިރޭ އިފްތިތާހުކުރި ސްޓްރެޓީޖިކް ޕްލޭންއާއެކު ޖުމުލަކޮށް އޮޑިޓް އޮފީހުގެ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ނާޝިޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު-- ސަން ފޮޓޯ

"ސްޓްރެޓީޖިކް ޕްލޭނެއް އޮވެގެން އޮފީސްތަކުގެ މިސްރާބާއި މަސައްކަތް ބައްޓަންވެގެން ދިއުމަކީ ހިދުމަތުގެ ފެންވަރު މުސްތަގްބަލުގައި ރަނގަޅުވެގެންދާނެ ކަމަށް. އަދި ކުރަންވީ ކަންކަމާ ނުކުރަންވީ ކަންކަން ވެސް ސްޓްރެޓީޖިކް ޕްލޭނެއް އޮތުމުން އެނގިގެންދާނެ." ނާޝިޒު ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން އިފްތިތާހުކުރި ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު ހަތަރު ލަނޑުދަނޑިއަކަށް ވާސިލުވުމަށްޓަކައި ހާސިލުކުރަންޖެހޭ 13 ކަމެއް ވަނީ ހިމަނާފަ އެވެ.

comment ކޮމެންޓް