ފިލްމީ ތަރި ޝީލާ ނަޖީބުގެ "ޓޭސްޓް ބްރޭކްފާސްޓަކީ" މިހާރު ދިވެހިންނަށް އާ ނަމެއް ނޫނެވެ. މިވޭތުވެދިޔަ ތިން މަހެއްހާ ދުވަހު ހެނދުނު ހެނދުނާ ރަހަބަލާލަން ލިބޭ މި މީރު ނާސްތާ އެއްފަހަރު ކައިފިނަމަ އަދި ދެތިން ހަތަރު ފަހަރުވެސް ކާލަން ބޭނުންވާނެ އެވެ. އެހާވެސް ރަހަމީރު ވެފައި ތަރުހީބު ވެސް ބޮޑެވެ.
އެކަމަކު ފިލްމީ ތަރި ޝީލާގެ ކުޑަ ވިޔަފާރިއަށް އާދިއްތަ ދުވަސްވީ ވަރަށް ހާއްސަ ދުވަހަކަށެވެ. މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް މިވަނީ ޝިލާ އަށް ލިބިފަ އެވެ. ރައީސްގެ ދެކަނބަލުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގެ ފުރުސަތު ޝީލާއަށް ލިބުމެވެ. އަދި ރައީސްގެ ދެކަނބަލުންނާ އެކު ހެނދުނުގެ ނާސްތާގައި ބައިވެރިވެލުމުގެ ނަސީބުވެސް ޝީލާ އަދި ފިރިމީހާ މަނިކަށް މިވަނީ ލިބިފަ އެވެ.
ޝީލާ ބުނިގޮތުގައި މި ފުރުސަތަށް އެދުނުތާ ދުވަސްކޮޅެއް ވެދާނެ އެވެ. ރައީސް އޮފީސް މެދުވެރިކޮށް، ރައީސަށް އޭނާގެ ނާސްތާ ޕެކްގެ ރަހަ ދެއްކުމަށް އެދުނު އެދުމުގެ ޖަވާބު ލިބިގެން ދިޔައީ ހީކުރި ގޮތާއި ހިލާފަށް މާ އުފާވެރިކޮށެވެ.
"މިކަން މިހާރު ކުރާތީ އަޅުގަނޑު ހިތަށް އެރީ ހަމަ ރައީސަށް އަޅުގަނޑުގެ ބްރޭކްފާސްޓް މެނޫގެ ރަހަ ދައްކާލަން. ދެން ރައީސް އޮފީހުގައި އެދުނީމަ ވިދާޅުވީ ޖަވާބެއް ދޭނެ ކަމަށް. ދެން ވިދާޅުވީ، ޝީލާ އާއި މަނިކުވެސް ބައިވެރިވެލަން ވާނެއޭ." މި ފުރުސަތު ލިބުނު ގޮތާ ބެހޭގޮތުން ޝީލާ ބުންޏެވެ.
ރައީސްގެ ދެކަނބަލުންނަށް ތައްޔާރުކުރީ އޭނާގެ ބްރޭކްފާސްޓް މެނޫގައި މިހާރުވެސް ލިބެން ހުރި ހުރިހާ ބާވަތްތަކެކެވެ. މުގުރިހަ އާއި ކުޅިމަހުން ފެށިގެން ގޮސް، ބޭކަޑް ބީންސް އާއި، ތިން ވައްތަރުގެ މަސްހުންޏާއި، ދެ ވައްތަރެއްގެ ރިހާކުރާއި، ޑެވިލްޑް ސޮސެޖާއި، ގްރީން ބީންސް އަދި ހިކި ބަށިވެސް އޭނާގެ މެނޫގައި ހިމެނެ އެވެ. އަދި އެކުގައި ބިސްގަނޑަކާއި ފޮނި އެއްޗެއްގެ އިތުރުން އާޓާ، ހުނި އަދި ތެޔޮ ރޮށިން އެމީހަކު ބޭނުން ވައްތަރެއް އިހުތިޔާރު ކުރެވެ އެވެ.
ރައީސްގެ ދެކަނބަލުންގެ ފަރާތުން ޝީލާގެ މި މަސައްކަތަށް ތަރުހީބާއި ތައުރީފު ލިބިގެން ދިޔައިރު މި ހާއްސަ ނާސްތާގައި އެންމެ މަގުބޫލު އެއްޗަކަށްވީ ޝީލާ ނިކަން މީރުކޮށް ތައްޔާރުކުރާ ބަށްޓެވެ. ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވަނީ އެކަމަނާގެ އިންސްޓަގްރާމް ސްޓޯރީގައިވެސް އެކަން ހިއްސާކުރައްވާފަ އެެވެ.
ޝީލާ ކިޔާދިން ގޮތުގައި ވަރަށް ދިވެހި ގޮތަކަށް އޭނާ ތައްޔާރުކުރާ ހިކި ބަށްޓާއި، ގްރީން ޕީސްއަކީވެސް ހަވާދު ނުލާ، ވީހާވެސް ހަށިގަނޑަށް ފައިދާހުރި ގޮތަކަށް ތައްޔާރުކުރަން މަސައްކަތްކުރާ ދެ ބާވަތެވެ. މި ނޫނަސް މުގުރިހައަކީ ވެސް މިފަދައިން ކެއުމަށް ބަލައިގެން އުޅޭ ފަރާތްތަކަށް އެންމެ ކަމުދާ އެއްބާވަތް ކަމުގައިވެސް ޝީލާ ފާހަގަކުރި އެވެ.
މިވީ ދެތިން މަހެގެއްތެރޭ ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ޝީލާގެ ނާސްތާ މެނޫއަށް ލިބިފައިވާއިރު، ދާދިފަހުން އޭނާ ވަނީ ކުޑަކުދިންގެ ހާއްސަ ކޮމްބޯއެއްވެސް ތައާރަފްކޮށްފަ އެވެ.
އަބަދުވެސް ކެއްކުމަށް ލޯބިކުރި، އަދި މީރުކޮށް ކައްކާކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ޝީލާ ބުނާގޮތުގައި މިއީ ބުރަ އެހެނަސް އޭނާ ނިކަން ގަޔާވެގެން ކުރާ ކަމެކެވެ.
"ތެޔޮ ރޮށި ނޫން ހުރިހާ އެއްޗެއްވެސް މި ތައްޔާރުކުރަނީ އަމިއްލަ އަށް. އަނެއްކާ އެއްވެސް އެއްޗެއް ކުރީބައިގައި ތައްޔާރުކޮށްފައެއް ނުބަހައްޓަން. ހަމަ ފަތިހު ހޭލައިން 4:30 އެހާކަން ހާއިރު މަސައްކަތް ފަށަނީ. އެންމެ ފަހު އޯޑަރުތައް ނިމޭނެ ގާތްގަނޑަކަށް ހެނދުނު 10:00 ޖަހާ އެހާކަން ހާއިރު" ޝީލާ ކިޔައިދިނެވެ.
ފިލްމީ މަސައްކަތަށާއި ގޭގެ ކަންކަން ބެލެހެއްޓުމަށް މިވަގުތު ޝީލާ ހުރީ ހުސްވެގެންނެވެ. ލިމިޓެޑް އޯޑަރުތަކެއް އޭނާ ނަގާއިރު، އޭނާ ތައްޔާރުކުރާ ބާވަތްތަކުގެ ކޮލިޓީއާއި ރަހަ ހިފެހެއްޓުމަކީ އޭނާ އެންމެ ސަމާލުކަންދޭ އެއްކަމެވެ.
ޝީލާ ހުރީ ކުރިއަށްއޮތް ތަނުގައިވެސް މި މަސައްކަތް މިހާ ފޯރީގައި ކުރުމުގެ އަޒުމުގަ އެވެ. ނިކަން ހެޔޮ އަގުގައި، އެހާމެ މީރު އަދި ކޮންމެ އުމުރަކަށް އަދި ލައިފްސްޓައިލަކަށް ލޯބިކުރާ ފަރާތަކަށްވެސް ޝީލާގެ މި ނާސްތާ ހަމަ އެއްވަނަ އެވެ.