ރައީސް މުއިއްޒު މިއަދު ޕޮޑްކާސްޓެއް ފައްޓަވަނީ

ރައީސް މުއިއްޒު ފައްޓަވާ ޕޮޑްކާސްޓް --- ޕޮޓޯ/ރައީސް އޮފީސް

ރައްޔިތުންގެ ޚިޔާލުތައް އަޑުއައްސަވައި ސުވާލުތަކަށް ޖަވާބުދެއްވުމަށް ޚާއްޞަ ޕޮޑްކާސްޓެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ފައްޓަވަން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ، "ރައްޔިތުންނާ އެކު" މި ނަމުގައި، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޚާއްޞަ ޕޮޑްކާސްޓެއް މިއަދު މެންދުރު 01:00 ގައި ފައްޓާނެ ކަމަށެވެ.

މި ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންނާއި މީސް މީޑިއާ މަންސަތަކުން ދައްކާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ޕޮޑްކާސްޓް ހޯސްޓްކުރައްވާނީ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އެވެ.

ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާ އެކު ސަރުކާރު ހިންގެވުމަކީ، ރައީސް މުއިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތުކަން ވެސް އެ އޮފީހުން ބުންޏެވެ.

އެގޮތުން "ރައްޔިތުންގެ އަޑު" ޕޯޓަލްއާއި "އަހާ ފޯރަމް" ފަދަ މަންސަތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލުބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް އެ މަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާންމުންގެ ސުވާލުތަކަށް ރައީސް ޖަވާބުދެއްވައި 'ރައީސްގެ ޖަވާބު' ސިލްސިލާ ވެސް އަލުން ފަށައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން މި މަހު 18 ގައި ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް