ކޭމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލަ އިދިކޮޅުން ކޯޓަށް ހުށަހަޅަނީ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅަން ވިސްނަމުން ގެންދާ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އޮތީ ކައުންސިލް އިންތިހާބަށް ތައްޔާރުވެގެން ކަމަށެވެ.

އެހެން ނަމަވެސް އެންމެ ބޮޑު ދައްޗަކީ ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން ރަށްރަށަށް ކެމްޕޭން ދަތުރު ނުކުރެވޭތީ ކަމަށާއި އެހެން ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުންނަށް ކެމްޕޭން ކުރަން ރަށްރަށަށް ދަތުރުކުރެވޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އޮތް ދައްޗަކީ އެއްވެސް ރަށަކަށް ދަތުރެއް ނުކުރެވޭ. ސަރުކާރުން އެކި ނަންނަމުގައި ރަށްރަށަށް އެބަ ދަތުރުކުރޭ. ކުންފުނިތަކުގެ އެމްޑީއިން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަތުރުކޮށް، އެބޭފުޅުން ކެމްޕޭން ކުރަމުން އެބަދެންދަވާ. ހަމަހަމަ ފުރުސަތެއް ނެތް އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންމިދާ ދުވަސްވަރު." އަދުރޭ ވިދާޅުވި އެވެ.

އެހެންކަމުން ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅޭގޮތުން ގާނޫނީ ޓީމާ މަޝްވަރާ ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ވާދަވެރި އިންތިހާބެއް ބާއްވާއިރު ވާދަކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިދޭން ޖެހޭ. މިއަދު އެ ފުރުސަތު ތަނަވަސްވެފައެއް ނެތް. މިއަދުގެ ސަރުކާރުގެ ހުދުމަހުތާރު ކަމުން ކޮވިޑް ބޭނުންކޮށްގެން އަޅުގަނޑުމެން ވާދަވެރި ފަރާތްތައް ގޭބަންދުކޮށްފައި ބައިތިއްބައިގެން ސަރުކާރު ބޭނުން ނަތީޖާއެއް ހާސިލުވާ ގޮތަށް މަސައްކަތް ކުރަމުންގެންދަނީ." އަދުރޭ ވިދާޅުވި އެވެ.

މި ދަތިތަކާހުރެ އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންނަށް ރަށްރަށް ކެމްޕޭން ކުރަން ވަޑައިނުގެންނެވުނު ނަމަވެސް، މޮނީޓަރިންގައި ނެތް ރަށްރަށުގައި ތިބި ޕީޕީއެމް ޕީއެންސީގެ މެމްބަރުން އެހެން ރަށްރަށަށް ދަތުރުކޮށް، ކެމްޕޭން ކުރިއަށްގެންދިއުމަށް އަދުރޭ ވަނީ އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް