ޖަވާބުދާރީވާން އާފިޔާއަށް އިތުރު ފުުރުސަތެއް، ހުކުމްކުރުން ޑިސެމްބަރަށް

އާފިޔާ މުހައްމަދު މަނިކު، މުހައްމަދު އިބްތިހާލާ އެކު --

ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލި ދެ ދައުވާގެ ހުކުމްކުރުން ޑިސެމްބަރު މަހަށް ފަސްކޮށްފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ކުރީ ކޮޅު، ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ އެ ކުއްޖާ މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަކުއްޖަކު މަރެމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުން މައްސަލައެއްގެ އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވީ ހުކުމް ކުރުމުގެ މަޖިލީހެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ވަކީލަކާ އެކު ހާޒިރުވެ އިން އާފިޔާ ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލައިގައި ޖަވާބުދާރީވާން ބޭނުންކަމަށް ބުނެފައެވެ.

އާފިޔާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އާމިނަތު ރުކްޝާނާ އިބްރާހީމް އެވެ. މައްސަލައިގެ ހުލާސާ ބަޔާން އިއްވުމުގެ ކުރިން ދައުލަތުގެ ފަރާތުން އާފިޔާއަށް ދިފާއީ ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، އޭރު އާފިޔާ ބުނެފައި ވަނީ އޭނާ ވަކީލަކު ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ދިފާއީ ވަކީލު ޝަރީއަތަށް ހާޒިރުވެފައެއް ނުވެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ދިފާއީ ވަކީލު ރުކްޝާނާ ވިދާޅުވީ، ހުލާސާ ބަޔާނުގެ ފަހުން، މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށް އާފިޔާ ބުނެފައިވާ ކަމަށެވެ.

އަދި އެއާއެކު އާފިޔާއާ ބައްދަލުކޮށް ވާހަކަދައްކާފައި ވާނެ ކަމަށާއި، އާފިޔާ ބޭނުންވަނީ މައްސަލައިގައި އިތުރު ދިރާސާއެއްކޮށް އޭނާގެ ފަރާތުން ޝަރީއަތުގައި އެއްޗެއް ބުނުމަށް ކަމަށެވެ.

މައްސަލައެއްގެ ހުކުމް އިއްވުމުގެ ކުރިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްކަން ފާހަގަކުރައްވައި ރުކްޝާނާ ވަނީ މައްސަލައިގެ ހުކުމް ފަސްކޮށްލަދިނުމަށް ފަހު، މައްސަލައިގައި މިހާތަނަށް ހިނގާފައި ހުރި ކަންކަން ބަލައި ދިރާސާކުރަން ފުރުސަތެއް ދިނުމަށް އެދިވަޑައިގެންފައެވެ.

އަދި ހުކުމްގެ ކުރިން އާފިޔާގެ ފަރާތުން ޝަރީއަތުގައި ވާހަކަދެއްކުމުގެ ފުރުސަތަކަށް ވެސް ދިފާއީ ވަކީލު އެދިވަޑައިގަތެވެ.

ދިފާއީ ވަކީލުގެ އެދުމަށް ދައުލަތުގެ ފަރާތުން ވެސް އިއުތިރާޒު ނުކުރާކަމަށް، ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާއިޝަތު މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މައްސަލަ ދިރާސާކުރުމަށާއި، އަދި ހުލާސާ ބަޔާނުގެ ކުރިން އާފިޔާއާ ބައްދަލުކޮށް މަޝްވަރާކުރުމަށް ދިފާއީ ވަކީލު އެދިވަޑައިގަތީ 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ގާނޫނީ ވަކީލެއްގެ އެހީތެރިކަނ ލިބިގަންނަން ބޭނުންތޯ މައްސަލަ ބައްލަވާ ގާޒީ ވަނީ މިއަދު އާފިޔާއާ ސުވާލުކުރައްވައިފައެވެ. އަދި އާފިޔާ ވަނީ ވަކީލެއްގެ އެހީތެރިކަން ބޭނުންކަމަށް ކޯޓުގައި ބުނެފައެވެ.

ދައުލަތުގެ އިއުތިރާޒެއް ނެތުމާއެކު، ގާޒީ ވަނީ ދިފާއީ ވަކީލު އެދިވަޑައިގެން ގޮތަށް، މައްސަލަ ދިރާސާކޮށް ޖަވާބުދާރީ ވާން 10 ދުވަހުގެ ފުރުސަތެއް ދެއްވައިފައެވެ.

އަދި އާފިޔާއަށް ޖަވާބުދާރީވާން ފުރުސަތު ދެއްވުމަށްފަހު، 10 ދުވަސް ފަހުން ހުލާސާ ބަޔާން އިއްވަން އަޑުއެހުމެއް ބާއްވަވާނެ ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ ތާރީހެއްގައި ހުކުމް ކުރާ މަޖިލިސް ބާއްވާނެ ކަމަށް ގާޒީ ވަނީ އިއުލާނުކުރައްވައިފައެވެ.

އާފިޔާއަށް ދިފާއީ ވަކީލަކު ހަމަޖައްސާފައި ވަނީ ގަސްދުގައި ކުއްޖަކު މެރި މައްސަލައިގައެވެ. ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ވެސް ގުޅުންހުރި ކަންތައްތަކެއް ހުރުމުން، ދެ މައްސަލައިގައި އެއް ދުވަހެއްގައި ހުކުމް ކުރަން ވަނީ ނިންމަވައިފައެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުގައި އޭނާ ވަނީ އިބްތިހާލް މަރާލުމަށް އިއުތިރާފުވެފަ އެވެ. އަދި ފުލުހުންގެ ތަހުގީގުގައިއާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އޭނާ އިއުތިރާފުވި އެވެ. އެކަމަކު، ފަހުން މުޅި ރާގު ބަދަލުކޮށް، ކްރިމިނަލް ކޯޓުގައި އާފިޔާ ބުނެފައި ވަނީ އިބްތިހާލްއަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ މަރާނުލާ ކަމަށެވެ.

comment ކޮމެންޓް