މުސްލިމުންނާ ދެކޮޅު އަމަލުތައް ހުއްޓަން މަސައްކަތްކުރާނެ ނިޒާމެއް ގާއިމުކުރަން ރާއްޖެއިން ގޮވާލައިފި

އޮކްޓޫބަރ 21، 2020: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޝާހިދު އެކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

"ސުލްހައާއި ތަރައްގީއަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް"، މިޝިއާރުގެ ދަށުން ނައިޖަރުގެ ވެރިރަށް ނިއާމޭގައި ބޭއްވި ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އޯއައިސީގެ މެމްބަރު 57 ގައުމުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން އެ ޖަމިއްޔާގެ ސިޔާސަތުތަކާ ބެހޭ ގޮތުންނާއި މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ ވާހަކަގައި އިސްލާމީ އުންމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޓެރަރިޒަމާ ދެކޮޅަށް އޯއައިސީގެ މެމްބަރު ގައުމުތަކުން މަސައްކަތްކުރުމަށް ވަނީ ގޮވާލައްވައިފައެވެ.

އިސްލާމީ އުންމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޓެރަރިޒަމާ ދެކޮޅަށް އޯއައިސީގެ މެމްބަރު ގައުމުތަކުން މަސައްކަތްކުރުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

އޭގެ އިތުރުން އިސްލާމްދީނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްވެސް މިނިސްޓަރު ގޮވާލެއްވިއެވެ.

މިނިވަންކަމަށް މަސައްކަތްކުރަމުންދާ ފަލަސްތީނުގެ މުސްލިމުންނަށް ކޮވިޑް19ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރުކަން ފާހަގަކުރައްވައި، 1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން މިނިސްޓަރު ޝާހިދު ތަކުރާރުކުރެއްވިއެވެ.

އަދި މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުންމީދު ގުޅިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ ކޯޓުގައި ދަ ގެމްބިއާއާއެކު ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންވެސް މިނިސްޓަރު ވާހަކަދެއްކެވިއެވެ.

ސުލްހަވެރި، އަދި އެންމެންގެ ބައިވެރިވުން އެކުލެވޭ އުއްމަތެއްގެ ގޮތުގައި ދެމި އޮތުމަށް މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، އޯއައިސީގެ ވިމެންސް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ރާއްޖެއިން މިދިޔަ އަހަރު ބައިވެރިވެ، އެޖަމިއްޔާގެ ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމުގައި މިއަހަރު އޮކްޓޯބަރު މަހު ރާއްޖެއިން ބައިވެރިވިކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި އެ ޖަމިއްޔާއާ ނުގުޅި ހުރި ގައުމުތަކުން އެ ޖަމިއްޔާއާ ގުޅުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

ކޮވިޑް19ގެ ހާލަތު ރާއްޖޭގައި އޮތް ގޮތް ބަޔާންކުރައްވައި، ސިއްހީ، އިޖްތިމާއީ އަދި އިގްތިސޯދީ ދާއިރާއަށް ކޮވިޑްގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

އެގޮތުން ކޮވިޑް19ގެ ރައްކާތެރިވުމަށް އަޅަން ޖެހުނު އުނދަގޫ އެތައް ފިޔަވަޅުތަކެއްގެ ސަބަބުން އިގްތިސޯދަށް އޭގެ އަސަރުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ކޮވިޑް19ގެ ސަބަބުން އޯއައިސީގައި ހިމެނޭ ކުދި ގައުމުތަކަށް ކުރިމަތިވި އިގްތިސޯދީ ގޮންޖެހުންތައް ބޮޑުކަން ފާހަގަކުރައްވައި، އެގައުމުތަކަށް ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ރިޔާސަތުގައި ޖީ-20 ގެ ގައުމުތަކަށް ގައުމުތަކުން ދައްކަން ޖެހޭ ދަރަނި ފަސްކޮށްދިނުމުގެ ފްރޭމްވޯކްއާ ހަމައަށް ދިއުމާ ގުޅިގެން އެކަމަށް މިނިސްޓަރު ޝާހިދު މަރުޙަބާ ވިދާޅުވިއެވެ.

އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ސައުދީ އަރަބިއްޔާ، ދަ ގެމްބިއާ، ތުރުކީވިލާތް، ޕާކިސްތާން، އަފްޣާނިސްތާން، މޮރިޓޭނިއާ އަދި ސެނެގާލްގެ ހާރިޖީ ވަޒީރުންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވިއެވެ.

މުސްލިމް އާބާދީ ބޮޑު 57 ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީގެ މެމްބަރު ގައުމަކަށް ރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.

comment ކޮމެންޓް