އެވޯޑު ލިބުނީ މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ބުރަ މަސައްކަތުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިގެން ދިޔައީ މުޅި ދާއިރާގެ ބުރަ މަސައްކަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި މި އެވޯޑް ރާއްޖެއިން ހާސިލް ކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 22 މަންޒިލަކާ ވާދަކޮށްގެންނެވެ. ރާއްޖެއާ ވާދަކުރި އެހެން މަންޒިލްތަކުގެ ތެރޭގައި ދުބާއީ، މެލޭޝިޔާ، ސްޕެއިން، މޮރިޝިއަސް އަދި ސްރީލަންކާ ފަދަ މަގުބޫލް މަންޒިލްތައް ހިމެނެ އެވެ.

އެ ކާމިޔާބާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އެވޯޑު ރާއްޖެއަށް ލިބުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

އަދި ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނަކަށް ހެދިގެން ދިޔައީ މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި، މުޅި އިންޑަސްޓްރީއަށް ރައީސް ވަނީ މަރުހަބާ ދަންނަވައިފައެވެ.

ނަވާރަސްތޭކަ ނުވަދިހަ ތިނެއްގައި ދޭން ފެށި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، އެންމެ މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. އެ އެވޯޑަކީ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ ފަތުރުވެރިކަމުގެ އޮސްކާގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެވެ.

މި އެވޯޑް ލިބުމާ ގުޅިގެން އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނެއް މެދުވެރި ކުރައްވައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި އެވޯޑް ލިބުމުން ހާމަވެގެންދަނީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން ބޮޑުވެފައިވާ މިންވަރު ކަމަށެވެ. އަދި ބަލިމަޑުކަމުގެ މި ދަނޑިވަޅުގާ ވެސް ރާއްޖެއަށް ޒިޔާރަތް ކުރަން މީހުން ކެތްމަދުވެފައި ތިބި މިންވަރު މި އެވޯޑުގެ ސަބަބުން އިތުރަށް ހާމަވެގެން ގޮސްފައިވާކަން ވެސް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

"މި ފަދަ ބޮޑު ކާމިޔާބީއެއް ރާއްޖެ އަށް ލިބިގެން ދިޔައީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންނާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކާއި... އެމްއެމްޕީއާރުސީއާ ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގެންދަން ކުރެވުނު މަސައްކަތުގެ ސަބަބުން. އަދި ހާއްސަކޮށް ދިވެހިންގެ ހިތްހެޔޮ މެހްމާންދާރީ ސަބަބުން. މަރުހަބާ!،" މިނިސްޓަރު މައުސޫމް ވިދާޅުވެފައިވެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ރާއްޖެ ވަނީ ނޮމިނޭޓްވެފަ އެވެ. އަދި ގްރޭންޑް ފިނާލޭގައި ވަނީ ޑެސްޓިނޭޝަން ކެޓަގަރީގެ އަށް ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ. މީގެއިތުރުން 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓްވެފައިވާއިރު ވޯލްޑް ކެޓަގަރީގެ ތިން ކެޓަގަރީއެއްގައި ރާއްޖޭގެ ތިން ރިސޯޓެއް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ތަންތަނާ ވަނީ ވާދަކޮށްފަ އެވެ. އަދި ޓުއަރިސްޓުންނަށް ހިދުމަތްދޭ ރާއްޖޭގެ ގިނަ ތަންތަނަށް ވަނީ އެވޯޑްތަކެއް ކާމިޔާބުކޮށްފަ އެވެ.

ރާއްޖެއިން ވަނީ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް ހަތަރު އެވޯޑެއް ކާމިޔާބުކޮށްފަ އެވެ. އެއީ، އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.

އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެ އަށް ކާމިޔާބުވި މިއީ 13 ވަނަ ފަހަރެވެ. އަދި މި އެވޯޑް ދެމުން އަންނަތާ މިއީ 16 ވަނަ އަހަރެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރު ރެކޯޑް އަދަދަކަށް ވިޒިޓާ ޓެރެފިކް އާއި އެންގޭޖްމަންޓް ޕަބްލިކް ވޯޓާސްގެ ފަރާތުން އެވޯޑަށް ވަނީ ލިބިފަ އެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު މިދިޔަ މާޗް މަހުން ފެށިގެން ޖުލައި މަހުގެ 15 އާ ހަމައަށް ބަންދުކުރި އެވެ. އެއާ އެކު ޓޫރިޒަމް އެކީ ހުއްޓުނެވެ. އެހެން ނަމަވެސް މިހާރު އަންނަނީ ޓޫރިޒަމް ކުރިއަރަމުންނެވެ.

އެމްއެމްޕީއާރްސީން ބުނީ މިދަނޑިވަޅުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ، ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމުގެ ސަބަބުން ރައްކާތެރި ޗުއްޓީއަށް ހޭދަކުރެވޭނޭކަން ޓޫރިސްޓުންނަށް ބުނެދިނުމަށް ކަމަށެވެ. އަދި ޓޫރިސްޓުންގެ ރައްކަލަކަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ބުނެދީ، ރާއްޖެ އަންނަން ތިބި ފަރާތްތަކަށް ރައްކާތެރިކަން ޔަގީންކޮށް ދިނުމަކީ ރާއްޖެ ޕްރޮމޯޝަންގައި މި ވަގުތު އެންމެ އިސްކަންދޭ ކަންތައް ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް 22 މާކެޓެއްގައި 412 ހަރަކާތް ހިންގާފަ އެވެ. މީގެތެރެއިން 314 ހަރަކާތެެއް (އޮންލައިން އަދި އޮފްލައިން) ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑްގެ ކާރިސާގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ފެއާތަކުގައި ބައިވެރިވުމާއި، ވެބިނާ، ފެމް ޓްރިޕްސް، އޮންލައިން ރޯޑްޝޯ، އައުޓްޑޯ ކެމްޕެއިން އަދި ޑިޖިޓަލް ކެމްޕެއިންތައް ވެސް ހިމެނެ އެވެ.

comment ކޮމެންޓް