ޕާކިސްތާނުގައި ކޮވިޑް ގެ ކޭސްތަށް އާދަޔާ ޚިލާފަށް ގިނަވެ ގައުމު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި

ކޮވިޑް އިން ސަލާމަތް ކޮށްދެއްވުން އެދި ޕާކިސްތާނުގައި ދުއާ ކުރަނީ

އިސްލާމްއާބާދު (ނޮވެމްބަރު 27): ޕާކިސްތާނުގައި ކޮވިޑް-19ގެ ކޭސްތަށް އާދަޔާ ޚިލާފަށް ގިނަވާން ފެށުމާއެކު ސްކޫލްތަކާއި ކޮލެޖް ޔުނިވާސިޓީތަކާ އަދި ކެފޭ ރެސްޓޯރެންޓްތައް ފަދަ ގިނަ ބަޔަކު އެއްވާ ހުރިހާ ތަނެއް ބަންދުކޮށްފިއެވެ.

ޕާކިސްތާނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ މީހުން ބޭރަށް ނުކުތުން މަނާ ނުކުރާތީ މިއީ ފުލް ލޮކްޑައުން އެއްނޫންކަމަށާ މިއީ ޕާކިސްތާނުގައި ކޮވިޑް-19 ގެ ކޭސްތަށް އާދަޔާ ޚިލާފަށް ގިނަވަމުންދާތީ އެޅި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް ކަމުގައެވެ. އެމިނިސްޓްރީން ބުނީ މިއީ ކޮވިޑްގެ ދެވަނަ ރަޅެއްކަމަށާ ފުރަތަމަ ރާޅަށްވުރެ މިރާޅުގައި ކޮވިޑް މާ ހަލުއިކޮށް ފެތުރެމުންދާ ކަމުގައެވެ. މިއާއެކު މާސްކު އަޅައިގަން ނޫންގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ސިއްހަތާބެހޭ ވުޒާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑްގެ ބަލި މީހެއްގެ ޖަނާޒާ ޕާކިސްތާނުގައި ކުރިޔަށް ދަނީ

ޕާކިސްތާން މެޑިކަލް އެސޯސިއޭޝަން ބުނާގޮތުން ކޮވިޑްގެ ކޭސްތައް ޕާކިސްތާނުގައި އާދަޔާ ޚިލާފަށް ގިނަވެ ހޮސްޕިޓަލްތަކުގެ އައިސީޔޫ ތަށްވަނީ ފުރުމާ ގާތުގައެވެ. ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫ ތަށް މުޅިން ފުރިފައިވާތީ ކޮވިޑްގެ ނުރައްކާތެރިކަމާއެކުވެސް ބައެއް މީހުންނަށް ފަރުވާ ދޭންޖެހިފައިވަނީ އައިސީޔޫން ބޭރުގައި ކަމަށާ ވެންޓިލޭޓަރު މަދުވުމުގެ މައްސަލަ ބޮޑުވެފައިވާކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނަށް ކޮވިޑްގެ ފުރަތަމަ ރާޅު އައިނަމަވެސް އެދުވަސްވަރު އެހާ ފުޅާދާއިރާއެއްގައި ޕާކިސްތާނުގައި ކޮވިޑް-19 ފެތުރިފައެއް ނުވެއެވެ. އެކަމުގެ ސަބަބަކީ ޕާކިސްތާނުގެ ގިނަމީހުން ގައުމުން ބޭރަށް ދަތުރުކުރާލެއް މަދުވުމުން ކަމަށް ވަނީ ބެލެވިފައެވެ. 222 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ޕާކިސްތާނުގައި މިހާރު އެވެރްޖްކޮށް ދުވާލެއްގެ މައްޗަށް 2،000-3،000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއެވެ. ކޮވިޑްގެ ކޭސްތަކުގެ އަދަދަށް ބަލާއިރު ޕާކިސްތާން އަދިވެސް ހިމެނެނީ މުޅި ދުނިޔެއިން 28 ވަނައިގައެވެ. އެހެންކަމުން ޕާކިސްތާން ހިމެނެނީ އާބާދީގެ ނިސްބަތުން ކޮވިޑްގެ ކޭސްތައް މަދު ގައުމުތަކުގެ ތެރޭގައެވެ.

ކޮވިޑް އިން ސަލާމަތް ކޮށްދެއްވުން އެދި ޕާކިސްތާނުގައި ދުއާ ކުރަނީ

ނަމަވެސް މިހާރު ކުރިޔަށްދާ ރޭޓުން ކޮވިޑްގެ ކޭސްތަށް އިތުރުވަމުންދާނަމަ ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް ޖެހިފައިވާ މީހުން އެނދުމަތި ކުރުމުގެ ސަބަބުން ޕާކިސްތާނުގެ ހޮސްޕިޓަލްތަކުގައިވާ އައިސީޔޫތައް މުޅިން ފުރޭނެކަމަށް އެގައުމުގެ މެޑިކަލް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ގައިސަރު ސައްޖާދު ވިދާޅުވިއެވެ.

ޕާކިސްތާނުގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ގާތްގަނޑަކަށް 8،000 މީހުން ކަމަށް ވިޔަސް މި ފިނި މޫސުމުގައި ކޮވިޑްގެ ކޭސްތަށް އިތުރުވާވަރަށް ބަލާއިރު ފިނި މޫސުން ނިމޭއިރު އިތުރު 8،000 މީހުން މަރުވާނެކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރެއެވެ.

ޕާކިސްތާނުގައި ކޮވިޑް ގެ ސާމްޕަލް ނަގަނީ

ބޮޑުވަޒީރު އިމްރާން ޚާން ވަނީ ކޮވިޑްގެ 2 ވަނަ ރާޅެއް ޕާކިސްތާނަށް އަރާފައިވާކަމަށް ވިދާޅުވެ މި ރާޅުން ސަލާމަތްވުމަށް ޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އެހެން ނޫންނަމަ ބިރުވެރި ހާލަތަކަށް ގައުމު ހިނގައިދާނެކަމާއި ނަތީޖާއެއްގެ ގޮތުން ފުލް ލޮކްޑައުން އަކަށްވެސް ދާންޖެހުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އިމްރާންޚާން ވިދާޅުވިއެވެ.

ކޮވިޑްގެ ކަންތަށް ޕާކިސްތާނުގައި މިހާރުވަނީ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައެވެ. މިއާއެކު އެގައުމުގެ އެކި ސަރަހައްދުތަކުގެ ސިއްހަތާބެހޭ މަރުކަޒުތަކުން ގެންދަނީ މަގުމަތިން އާންމުންގެ ގައިން ސާމްޕަލްތަށް ނަގައިގެން ކޮވިޑްއަށް ޓެސްޓްކޮށް މުޖްތަމައުގައި ކޮވިޑް ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ވަރުގަދައަށް ފަށާފައެވެ.

ޕާކިސްތާނުގެ އިތުރުން އެމެރިކާއާއި އިންޑިއާއާއި ޔޫރަޕްގެ ގައުމުތަކުގައިވެސް ކޮވިޑް ފެތުރޭ މިންވަރު މި ފިނި މޫސުމުގައި ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއާއެކު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސްވަނީ މިއަހަރުގެ ކުރީކޮޅާ އަޅައި ބަލާއިރު ވަނީ ޑަބަލްވެފައެވެ. އެމެރިކާގައި މިހާރު ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2،000 މީހުން މަރުވެއެވެ.

ޕާކިސްތާނުގެ ބައެއް ޑޮކްޓަރުންވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ޕާކިސްތާން ފުލް ލޮކްޑައުންއަކަށް ދިޔުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.

(ނޫސްއެޖެންސީތަށް)

comment ކޮމެންޓް