ޔުނިވާސަލްގެ ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރުމަނިކު އަވަހާރަވެއްޖެ

ޑރ. އިބްރާހިމް އުމަރުމަނިކު ---

ރާއްޖޭގެ ޓޫރިޒަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރުމަނިކު އަވަހާރަވެއްޖެ އެވެ.

މެޑިލަކް ޑޮކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ޑރ. އިބްރާހިމް އުމަރުމަނިކު އަވަހާރަވެފައި ވަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 68 އަހަރެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. އިބްރާހިމް އުމަރުމަނިކު ވަނި ގިނަ ރިސޯޓުތަކެއް ޑިވެލޮޕްކޮށް އޮޕަރޭޝަންސް ފެށުމުގައި އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.

ވިޔަފާރީގެ ދާއިރާގައި އެމަނިކުފާނު ކުރެެއްވި އިތުރު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި ކޮކާކޯލާ އުފެއްދުމަށް މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ އުފެއްދެވުމާއި، ރާއްޖޭގައި މިހާރު އޮޕަރޭޓު ކުރާ އެއް ޑޮމެސްޓިކް އެއާލައިން، މަންތާ އެއާ އުފެއްދެވުން ހިމެނެ އެވެ.

ޑރ. އިބްރާހިމް އުމަރުމަނިކު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން އެބަތިއްބެވި އެވެ. އެމަނިކުފާނު ކައިވެނިބައްލައިގެން އުޅުއްވީ ޖަރުމަނު ބޭފުޅަކާ އެވެ.

comment ކޮމެންޓް