މާޒިޔާގެ އަމާޒަކީ އަބަދުވެސް ތަށި، ކުޅޭނީ އެ އަޒުމުގައި: ނިޒާމްބެ

ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މާޒިޔާގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފޮޓޯ//މާޒިޔާ

ރާއްޖޭގައި މިވަގުތު ހުރި ޓެކްނިކަލް އެންމެ މޮޅު އެއް ކޯޗުގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރާ މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ސޮއި މާޒިޔާއިން ހޯދިއިއިރު، އެ ކްލަބްގެ މެނޭޖްމަންޓުން ފާހަގަކުރި އެއް ކަމަކީ މާޒިޔާގައި މިހާރު ތިބި ކުޅުންތެރިންގެ ފެންވަރުގައި ރަނގަޅު ކުޅުމެއް ދައްކަން ބަލާއިރު އެންމެ ރަނގަޅު ދިވެހި ކޯޗަކީ ނިޒާމްބެ ކަމެވެ. އެ ދުވަހު ވެސް ނިޒާމްބެ ދިން ޔަގީންކަމަކީ އޭނާ އަށް ކްލަބުން ދޭ އިތުބާރުގެ ބަދަލު ދަނޑުމަތީގައި ކުޅޭ މެޗުތަކުގެ ނަތީޖާ އިން ނެރެދެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމެވެ.

އެ މަސައްކަތާ އެކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާގެ ސްކޮޑާ އެކު ފަރިތަކުރުންތައް މިދިޔަ މަހުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދާ އިރު، ޓީމުގެ ހާލަތާއި ކުޅުންތެރިންގެ މޯޓިވޭޝަނާ މެދު ނިޒާމްބެ ހުރީ ހިތްހަމަ ޖެހިފަ އެވެ. ދެއިރު ޕްރެކްޓިސްތައްކޮށް، ކުޅުންތެރިންގެ ފިޓްނަސް ލެވެލް މަތިކުރުމަށް ބުރަ މަސައްކަތްތަކެއްކޮށް، ނޯމަލް ޕްރެކްޓިސްތައް މިހާރު މާޒިޔާއިން ފެށި އިރު އެ ކުލަބަކީ އެންމެ ފުރަތަމަ ސީޒަނަށް ތައްޔާރުވާން ފެށި ޓީމެވެ.

ނިޒާމްބެ "ސަން" އަށް ދިން އިންޓަވިއުގައި ބުނީ މާޒިޔާގައި މިވަގުތު މިއޮތީ ހިތްހަމަޖެހޭ ސްކޮޑެއް ކަމަށެވެ. އަދި އޭނާއާ އެކު ކުރީގައި ޓީސީ ސްޕޯޓްސްއިން ވިދާލި ހަތަރު ކުޅުންތެރިން ކަމަށްވާ ހަސަން ނާއިޒް (ދާދު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އިބްރާހިމް ވަހީދު (އިއްބެ) ގެ އިތުރުން އަހުމަދު އަބްދުﷲ (ލިލީ) ނަން ފާހަގަކޮށް، މިހާރު އެ ކުޅުންތެރިންނަކީ ކުރިއަށް ވުރެން މާ ތަޖުރިބާހުރި މާ މަތީ ލެވެލްއެއްގެ ކުޅުންތެރިންތަކެއް ކަމަށް ނިޒާމްބެ ބުންޏެވެ.

ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މާޒިޔާގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފޮޓޯ//މާޒިޔާ

"އޭރަށް ވުރެން މިހާރު މާ ބޮޑަށް ވެސް އެކްސްޕެކްޓޭޝަން މަތި. ހާއްސަކޮށް ދެ އިއްބެއާއި ދާދު މިހާރު ކުރިއަށް ވުރެން މާ ބޮޑަށް އެކްސީޕިރިއަންސް. ލިލީ އަކީ އޭރުވެސް މިހާރުވެސް ހަމަ ތަޖުރިބާ ގިނަ ކުޅުންތެރިއެއް. މިހާރު އެ ކުޅުންތެރިން ތިބީ ކުރިއާ ބަލައި ވަރަށް ތަފާތު ހިސާބެއްގައި،" ނިޒާމްބެ ބުންޏެވެ.

މާޒިޔާ އިން ނިޒާމްބެ ގެނައިއިރު އެއް ޓާގެޓަކަށް ކަނޑައެޅީ މި އަހަރުގެ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ. އެކަމަށް އަމާޒުކޮށް ފެންވަރުގެ ސްކޮޑެއް އެކުލަވާލައި ޕްރެކްޓިސް ވެސް ފެށި ފަހުން މިދިޔަ މަހު އެ މުބާރާތް ކެންސަލްވީ އެވެ. ހީނުކޮށް ހުއްޓައި އައި އޭއެފްސީގެ ނިންމުމެއްގެ ސަބަބުން މާޒިޔާ އިން އޭއެފްސީ ކަޕަށް ކުރި ބޮޑު އުއްމީދުތައް ދިޔައީ އެވެ.

"މެދު ކެނޑުމެއް އައިސް މުބާރާތް އޮންނާނެ ކަމުގެ އުންމީދާ އެކު އަލުން ޕްރެކްޓިސްތައް ފަށައިގެން ކުރިއަށް ދަނިކޮށް ކެންސަލްވީ. އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ކޮންމެސް ވަރެއްގެ އަސަރެއް ކުރި. އެހެން ނަމަވެސް މާބޮޑު އަސަރެއް ނުކުރޭ. ކުލަބުގެ މެނޭޖްމެންޓުން ކުޅުންތެރިންނާ މެދު އޭގެ ފަހުން ކަންތައް ކުރީ ވަރަށް ރަނގަޅަށް. އެއީ އަސްލު އެކަމުން ކުޅުންތެރިން އަރައިގަންނަން ފެސޭހަވީ ސަބަބު"

ނިޒާމްބެ ބުނީ އޭއެފްސީގެ ޓާގެޓް ކާމިޔާބު ނުކުރެވުނަސް މިހާރު ފޯކަސް އޮތީ ކުރިއަށް އޮތް ސީޒަނަށެވެ. އެ ސީޒަނުގައި ވެސް މާޒިޔާއިން އޭއެފްސީ ކަޕުގެ ޖާގައެއް ލިބިފައިވާ އިރު، އެ މުބާރާތަށް ތައްޔާރުވާން އަދި ދުވަސް އޮތްކަން ނިޒާމްބެ ވަނީ ފާހަގަ ކޮށްފަ އެވެ.

"ވޭތުވެ ދިޔަ ފަސްވަރަކަށް އަހަރުތެރޭ މާޒިޔާއިން ސްކޮޑު އެކުލަވާލުމާއި، އެހެން ކަންކަމުގައި ވެސް އަމާޒު ހިފައި ޓާގެޓް ޖަހާފައި ވަނީ ތަށި ހޯދަން. އަދި ކޯޗެއްގެ ހައިސިއްޔަތުން ކޮންމެ މުބާރާތަކަށް ނުކުތަސް، އަދި ކިތަންމެ ވަރުގަދަ ބަޔަކާ ކުޅެން ޖެހުނަސް އަބަދުވެސް ޓާގެޓް ކުރަނީ ތަށްޓަށް." ނިޒާމްބެ ބުންޏެވެ.

އެފްއޭއެމުން މަސައްކަތްކުރަމުން ދަނީ އަންނަ ސީޒަން ހުޅުވާ މެޗު ޑިސެމްބަރު މަހު އަށް ވަަނަ ދުވަހު ކުޅޭށެވެ. މިހާރު އޮތްގޮތުން އެ މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން މާޒިޔާ އާއި ލީގުގެ ރަނަރަޕް އީގަލްސް އެވެ. އީގަލްސް އަށް މި ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގައި ކޮވިޑާ ހެދި މުބާރާތްތައް އަވަހަށް ނިންމާލަން ޖެހޭތީ އެފްއޭ ކަޕް ކެންސަލްކުރުމުންނެވެ.

comment ކޮމެންޓް