ވަލީއަހުދުގެ މުޝީރު، ޚާޝުގްޖީއަށް އިންޒާރު ދިން ކަމަށް ހެކިވެރިޔަކު ބުނެފި

ސައުދީން ބުނި ގޮތުގައި ހާޝުގްޖީގެ މަރާ ގަހުތާނީއާ ގުޅުމެއްވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވޭ -- ފޮޓޯ: އޭއެފްޕީ

އަންކާރާ (ނޮވެމްބަރު 24): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގެ ކުރިން އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިސް މުޝީރަކު އޭނާއަށް އިންޒާރު ދިން ކަމަށް އެ މައްސަލައިގެ ޝަރީއަތުގައި ހެކިވެރިޔަކު ބުނެފި އެވެ.

ޚާޝުގްޖީ މަރާލި މައްސަލައިގައި ތުރުކީން ކުރިއަށްގެންދާ ޝަރީއަތުގައި އޭނާގެ އެކުވެރިޔެއް ކަމަށްވާ އައިމަން ނޫރު އިއްޔެ ހެކިބަސް ދިނެވެ. އޭނާ ބުނި ގޮތުގައި ވަލީއަހުދުގެ އަރިސް މުޝީރެއް ކަމަށްވާ ސައުދު އަލް ގަހުތާނީ ދިޔައީ 2016 ވަނަ އަހަރުން ފެށިގެން ޚާޝުގްޖީއަށް އިންޒާރު ދެމުންނެވެ.

"ޖަމާލް ބުނި ގޮތުގައި ގަހުތާނީ އާއި ގަހުތާނީގެ އާއިލާއިން ވަނީ އޭނާއަށް އިންޒާރު ދީފަ. އޭނާ ވޮޝިންޓަން ޑީސީގައި އުޅުނު އިރު ގަހުތާނީ އޭނާއަށް ގުޅި ކަމަށާއި، އޭނާގެ ދަރިންނާއި އެ މީހުން ދިރިއުޅޭ ތަން އެނގޭކަން ގަހުތާނީ އެންގި ކަމަށް ހާޝުގްޖީ ބުނި،" ނޫރު ކިޔައިދިން ކަމަށް ތުރުކީގެ މީޑިއާތަކުގައިވެ އެވެ.

ހާޝުގްޖީގެ މަރުގެ މައްސަލައިގައި ތުރުކީން މިދިޔަ ޖޫން މަހު ފެށި ޝަރީއަތުގައި އެގައުމުން ވަނީ ގަހުތާނީ އާއި ސައުދީގެ ކުރީގެ ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހުމަދު އަލް އަސީރީގެ މައްޗަށް މީހަކު މަރާލަން ރޭވުމުގެ ދައުވާކޮށްފަ އެވެ. އަދި ދުރާލާ ރާވައިގެން މީހަކު މެރުމުގެ ދައުވާ ސައުދީގެ 18 މީހެއްގެ މައްޗަށް އުފުލާފަ އެވެ.

ތުރުކީގެ ޕްރޮސެކިއުޓަރުން އެދިލައްވަނީ އެ އެންމެންވެސް އުމުރަށް ޖަލަށް ލާން ހުކުމް ކުރުމަށެވެ. އަދި އެ 20 މީހުން ހައްޔަރު ކުރުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނު ނަމަވެސް ސައުދީން ވަނީ އެ މީހުން ތުރުކީއާ ހަވާލު ކުރަން ދެކޮޅު ހަދާފަ އެވެ.

މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހު ތުރުކީގެ ޕްރޮސެކިއުޓަރުން ވަނީ ހާޝުގްޖީގެ މަރާ ބެހޭ މައުލޫމާތު ފޮރުވަން މަސައްކަތް ކުރި ސައުދީގެ އިތުރު ހަ މީހަކަށްވެސް ދައުވާ ކުރަން ނިންމާފަ އެވެ.

ހާޝުގްޖީ މަރާލި މައްސަލައިގައި ސައުދީން 11 މީހެއްގެ މައްޗަށް ދައުވާކޮށް، މިދިޔަ އަހަރު ސިއްރު ޝަރީއަތެއް ކުރިއަށްގެންދިޔަ އެވެ. އަދި އެގައުމުން ބުނި ގޮތުގައި އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ހާޝުގްޖީ މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތު ވުމުން، އެ މީހުން ވަނީ މަރަން ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން އެ ކުށް ފޮރުވަން ބައިވެރިވި ކަމުގެ ދައުވާގައި ތިން މީހަކު ޖުމްލަ 24 އަހަރަށް ޖަލަށް ލާން ހުކުމްކޮށް، ބާކީ ތިން މީހުންގެ މައްޗަށް ދައުވާތައް ސާބިތު ނުވާތީ އެ މީހުން ދޫކޮށްލި ކަމަށް ސައުދީން ބުންޏެވެ.

އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ސައުދީން ވަނީ އެމައްސަލައިގައި މަރަން ހުކުމް ކުރި މީހުންގެ ހުކުމް 20 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފަ އެވެ.

ހާޝުގްޖީގެ މަރާ ގުޅިގެން ގަހުތާނީގެ މައްޗަށް ކުރި ތުހުމަތުތައް ތަހުގީގު ކުރި ނަމަވެސް އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ސައުދީ ދައުލަތުގެ މީޑިއާއިން ވަނީ މިދިޔަ އަހަރު ރިޕޯޓުކޮށްފަ އެވެ.

comment ކޮމެންޓް