ދޯހާ އެއާޕޯޓުން ފެނުނު ކުއްޖާގެ ބެލެނިވެރިން ހޯދައިފި

މިދިޔަ މަހުގެ ދޭއްގައި ދޯހާ އެއާޕޯޓުގެ ފާހާނާއަކުން ވަނީ ތުއްތު ކުއްޖަކު ފެނިފައި -- ފޮޓޯ: ރޮއިޓާސް

ދޯހާ (ނޮވެމްބަރު 24): ގަތަރުގެ ވެރިރަށް ދޯހާގައި އޮންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓު (އެޗްއައިއޭ)އިން މިދިޔަ މަހުގެ ދޭއްގައި ފެނުނު ތުއްތު ކުއްޖާގެ ބެލެނިވެރިން އެގައުމުން ހޯދައިފި އެވެ.

ގަތަރުގެ ސަރުކާރުން ބުނި ގޮތުގައި އަލަށް އުފަންވި އެ އަންހެން ކުއްޖާ ދިރި އޮއްވާ ފެނުނީ އެޗްއައިއޭގެ ފާހަނާއެއްގައި ހުރި ޑަސްބިނަކުންނެވެ. އަދި ޕްލާސްޓިކް ކޮތަޅަކަށް އަޅާފައި އޮތް އެ ކުއްޖާއާ ގަތަރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ހަވާލުވެފަ އެވެ.

ގަތަރުގެ ޕަބްލިކް ޕްރޮސެކިއުޝަންސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ މައްސަލައިގައި އެގައުމުން ވަނީ ކުއްޖާގެ މަންމަގެ މައްޗަށް ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާކޮށްފަ އެވެ. އަދި އޭނާއަކީ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށާއި ކުއްޖާ ވިހެއުމަށް ފަހު އޭނާ ފުރައިގެން ދިޔައީ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ކުއްޖާގެ ބައްޕައަކީ ގަތަރުގައި ހުރި، އޭޝިއާގެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާގެ ޑީއެންއޭ ޓެސްޓެއް ހަދާފައިވާ ކަމަށް ޕްރޮސެކިއުޓަރު ވިދާޅުވި އެވެ. އަދި އެ އަންހެން މީހާ ފުރައިގެން ދިޔުމުގެ ކުރިން ފިރިހެން މީހާއަށް ކުއްޖާގެ ފޮޓޯއަކާ އެކު މެސެޖެއް ފޮނުވި ކަމަށް އެ ބަޔާނުގައިވެ އެވެ.

"ކުއްޖާގެ ބައްޕަ ވަނީ އެ އަންހެން މީހާއާ ގުޅުން ބޭއްވި ކަމަށާއި އޭނާ ވިހެއުމާ އެކު ކުއްޖާގެ ފޮޓާއަކާ އެކު މެސެޖެއް ފޮނުވި ކަމަށް ބުނެފަ. އެ މެސެޖުގައި އަންހެން މީހާ ވަނީ ކުއްޖާ ދޫކޮށްލުމަށް ފަހު އަމިއްލަ ގައުމަށް ދަނީ ކަމަށް ބުނެފަ،" ޕްރޮސެކިއުޝަންސް އޮފީހުގެ ބަޔާނުގައިވެ އެވެ.

އެ އަންހެން މީހާ ގަތަރަށް ގެންދިޔުމުގެ މަސައްކަތް އެގައުމުން ކުރިއަށްގެންދާ އިރު އޭނާގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ. އެ މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ގަތަރުން ނުބުނެ އެވެ.

ދޯހާ އެއާޕޯޓުން އެ ތުއްތު ކުއްޖާ ފެނުމުން، ކުއްޖާގެ މަންމަ ހޯދަން ކަމަށް ބުނެ އެއާޕޯޓުގެ އޮފިޝަލުން އެ ދުވަހު 10 ފްލައިޓެއްގައި ތިބި އަންހެން ފަސިންޖަރުން ފާސްކުރި އެވެ. އޭގެ ތެރެއިން އޮސްޓްރޭލިއާއަށް ފުރަން އޮތް ބޯޓެއްގައި ތިބި އަންހެނުން ވަނީ އެ މީހުން ބަރަހަނާކޮށްގެން ފާސް ކުރި ކަމަށް ބުނެފަ އެވެ. އަދި އެ މީހުން ފާސް ކުރާ ސަބަބެއް ބުނެ ނުދޭ ކަން ވެސް ހާމަކޮށްފަ އެވެ.

ގަތަރުން ވަނީ އެ އަންހެނުން ބަރަހަނާކޮށްގެން ފާސް ކުރަން އެންގީ ގާނޫނާ ހިލާފަށް ކަމަށާއި އޭގެ ސަބަބުން އެއާޕޯޓުގެ މުވައްޒަފުން ގިނަވެގެން ތިން އަހަރަށް ޖަލަށް ލެވިދާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ގަތަރުގެ ބޮޑުވަޒީރު ޝޭހު ޚާލިދު ބިން ޚަލީފާ ބިން އަބްދުލްއަޒީޒު އަލް ޘާނީ ވަނީ ދޯހާ އެއާޕޯޓުން އެ އަންހެނުންނާ މެދު އަމަލު ކުރި ގޮތަށް މާފަށް އެދިވަޑައިގެން، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް