އިސްރާއީލަށް ޖާސޫސްކޮށްދީގެން ގަތަރުން މަރަން ހުކުމްކުރި އޮފިސަރުންތައް ދޫކޮށްލައިފި

އިސްރާއީލަށް ޖާސޫސްކޮށްދީގެން ގަތަރުން މަރަން ހުކުމްކުރި އިންޑިޔާގެ އަށް މީހުން ވަނީ ދޫކޮށްލާފައި. ފޮޓޯ/ދަ ސްޓާ

އިސްރާއީލަށް ޖާސޫސްކޮށްދީގެން ގަތަރުން މަރަން ހުކުމްކުރި އިންޑިޔާގެ އަށް ނޭވީ އޮފިސަރުން ދޫކޮށްލައިފިއެވެ.

އިންޑިޔާގެ ހާރިޖީ ވުޒާރާއިން ބުނީ އެ މީހުން ދޫކޮށްލަން ގަތަރުން ނިންމީ ހައްޔަރުކުރިތާ 18 މަހަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް ކަމަށެވެ. އެ އަށް މީހުންގެ ތެރެއިން ހަތް ފިރިހެނަކު މިހާރު އެނބުރި އިންޑިޔާއަށް ގޮސްފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.

ޖާސޫސްކޮދިނުމާ ގުޅިގެން އެ އަށް މީހުންނަށް އިއްވައިފައިވާ ހުކުމާބެހޭ ގޮތުން އިންޑިޔާއިންވެސް އަދި ގަތަރުންވެސް ވާހަކަދައްކައިފައިނުވާއިރު، އެ މީހުންގެ މަރުގެ އަދަބު ޖަލު ހުކުމަކަށް މިދިޔަ ޖެނުއަރީ މަހު ބަދަލުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ މީހުން ހައްޔަރުކުރުމުން އިންޑިޔާއިން ވަނީ ދުވަސްތަކެއް ވަންދެން އެކަމާ ގަތަރާއެކު މަޝްވަރާތައް ކޮށްފައެވެ. އެ މައްސަލައިގައި ދެ ގައުމުގެ ގުޅުންވެސް އޮތީ ކޮންމެވެސް ވަރަކަށް ހީނަރުވެފައެވެ.

ނަމަވެސް ހައްޔަރުކުރި މީހުން ދޫކޮށްލައިފައި ވަނީ ދެ ގައުމުގެ ދެމެދުގައި ކުރި ޑިޕްލޮމެޓިކް މަޝްވަރާތަކަކަށްފަހު ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ގަތަރާއި އިންޑިޔާގެ ކުންފުނިތަކަކާ ދެމެދު ދާދިފަހުން ވަނީ ލިކުއިޑްފައިޑް ގުދުރަތީ ގޭސް ފޯރުކޮށްދިނުމަށްވެސް އެއްބަސްވެފައެވެ. އޭގެއިތުރުން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އާއި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ވަނީ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި އދގެ މޫސުމާބެހޭ ބައްދަލުވުން (ކޮޕް28) ގެ ހަވާސާގައި ބައްދަލުވެސް ކުރައްވައިފައެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު މޯދީ ގަތަރަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް