ފަޅުރަށްތަކުގެ ވަރުވާ ދެއްކުމަށް ލުޔެއް

ރާއްޖޭގެ ރަށްތަކެއް--- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ފަޅުރަށްތަކުގެ ވަރުވާދެއްކުމަށް ލުއިގޮތްތަކެއް ހަމަޖައްސައިދީފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސް އިން ކުރި އިއުލާނެއްގައި ބުނި ފަޅުރަށްރަށުގެ ވަރުވާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.

މިއާއެކު އެ ގަވައިދުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން އެއް އަހަރު ދުވަހުގެ ވަރުވާ އެއްފަހަރާ ދެއްކުމުގެ ބަދަލުގައި ވަރުވާ ހަތަރު ޕޭމަންޓްގެ ގޮތުގައި ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ.

މިގޮތަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކޭނީ މިނިސްޓްރީއާ ވަރުވާއަށް ފަޅުރަށް ނަގައިގެން އުޅޭ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލުގެނެސްގެން ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ ހަތަރު ޕޭމެންޓަށް ބަހާލައިގެން ފަޅުރަށްރަށުގެ ވަރުވާ ދައްކަވަން ބޭނުންވާ ފަރާތްތަކުން، މިނިިސްޓްރީއަށް ލިޔުމުން ހުށަހަޅައިގެން އެގްރިމެންޓަށް ބަދަލު ގެނައުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

comment ކޮމެންޓް